logo

ރޯދަ މަހު އިމިގްރޭޝަންގެ ހިދުމަތް ދޭ ގަޑިތައް އާންމުކޮށްފި

އާމިނަތު މޫސާ
3 ގަޑިއިރު ކުރިން

މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 20 ދުވަހާއި ޝައްވާލުމަހުގެ ހަ ރޯދައިގައި އިމިގްރޭޝަންގެ ހިދުމަތް ދޭ ގަޑިތައް އާންމުކޮށްފިއެވެ.

އިމިގްރޭޝަނުން ބުނީ، އާންމު ދުވަސްތަކެކޭ އެއްފަދައިން ރަމަޟާން މަހުގެ ކޮންމެ ވަގުތެއްގައިވެސް "އިމުގާ" ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހެޅޭނެއެވެ. މާލެ ސަރަހައްދުގައި ޕާސްޕޯޓާ ހަވާލުވުމަށްޓަކައި އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކިއުބީ މެދުވެރިކޮށް ނަންބަރު ދޫކުރާނީ ހެނދުނު 9:15 އިން މެންދުރު 1:00 އަށެވެ.

ހުކުރު ދުވަހު ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:15 އިން 11:00 އަށެވެ. ރީޖަނަލް އޮފީސްތަކުން ޕާސްޕޯޓު ދޫކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:15 އިން މެންދުރު 12:00 އާ ހަމައަށެވެ.

އިމިގްރޭޝަނުން އިތުރަށް ބުނީ މެޑިކަލް އިމަރޖެންސީ ފަދަ ކުއްލި ހާލަތްތަކުގައި ޕާސްޕޯޓުގެ ޚިދުމަތް ބޭނުންވާ ފަރާތްތަކުން އެ އިދާރާގެ ހޮޓްލައިން ނަންބަރު 9555333 އާ ގުޅުއްވައިގެން ކުރިއަށް ގެންދިއުމަށް އެދޭ ކަމަށެވެ.

ވިސާގެ ޚިދުމަތްތަކަށް ބަލާއިރު، އީ-ވިސާއަށް އެދި އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ހުށަހެޅޭނެއެވެ. ވިސާގެ ޚިދުމަތްތައް ސްޓަރ ކްލައުޑްސް ބިލްޑިންގުގެ 8 ވަނަ ފަންގިފިލާއިން ލިބޭނީ ހެނދުނު 9:00 އިން މެންދުރު 1:00 އަށެވެ. އަދި އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަނުން ފޯރުކޮށްދޭ ރިޕެޓްރިއޭޝަންއާ ގުޅުންހުރި ޚިދުމަތްތައް ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށް ލިބޭނެއެވެ.

ސީޕޯޓުގެ ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވަނީ ތަފާތު ދަންފަޅިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ހުކުރު ދުވަސް ނޫން އެހެން ދުވަސްތަކުގައި ފަތިހު 5:20 އިން މެންދުރު 12:00 އަށް، މެންދުރުފަހު 1:00 އިން ހަވީރު 5:30 އަށް، އަދި ރޭނގަނޑު 8:00 އިން ފަތިހު 4:00 އަށް ޚިދުމަތް ދޭނެއެވެ.

ހުކުރު ދުވަހު ސީޕޯޓުގެ ޚިދުމަތް ދޭނީ ފަތިހު 5:30 އިން ހެނދުނު 8:00 އަށް، މެންދުރުފަހު 2:30 އިން ހަވީރު 5:30 އަށް އަދި ރޭނގަނޑު 8:00 އިން ފަތިހު 4:00 އަށެވެ. މީގެ އިތުރުން ކުޅުދުއްފުށި، އުލިގަން އަދި ހިތަދޫ ސީޕޯޓު އޮފީސްތައް ހުޅުވިފައި ހުންނާނީ ހެނދުނު 9:00 އިން މެންދުރު 1:00 އަށެވެ.

ad