ރ.މީދޫ ހޮސްޕިޓަލް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އެކަމަށްޓަކައި މީދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސިއްހަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމްއެވެ. މި ރަސްމިއްޔާތުގައި މަޑުއްވަރީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަޙްމަދު ޒާހިރު އާއި، މި މަސައްކަތުގެ ކޮންޓްރެކްޓަރ ކަމަށްވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މީދޫގައި މިހާރު ހިންގަމުންދާ ސިއްހީ މަރުކަޒުގެ ބަދަލުގައި، ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ގާއިމުކުރުމުގެ މި މަސައްކަތް ހެލްތް މިނިސްޓްރީން އާރްޑީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.
މީދޫގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ. އަލަށް ތަރައްޤީ ކުރާ ހޮސްޕިޓަލަކީ ފުލްފުލެޖް ހޮސްޕިޓަލެކެވެ. އެގޮތުން އެ ހޮސްޕިޓަލުގައި ބަލި މީހުން ބަލާ ކޮޓަރިއާއި އޮޕަރޭޝަން ރޫމާއި ލޭބަރ ރޫމްފަދަ ތަންތަން ތަރައްޤީކުރާނެއެވެ. ރ. މީދޫގައި މިހާރު ޞިއްޙީ ޚިދުމަތް ފޯރުކޮށްދެމުންދަނީ ޞިއްޙީ މަރުކަޒަކުންނެވެ. އެއީ 24 ގަޑިއިރަށް ޚިދުމަތް ދެމުން އަންނަ މަރުކަޒެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ސިއްހީ ދާއިރާއަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާއިރު، މި މަޝްރޫއަކީ އަތޮޅުތެރޭގެ ސިއްހީ ހިދުމަތްތައް ހަރުދަނާކޮށް، ވަސީލަތްތައް އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ. މީދޫގައި މިހާރު ސިއްހީ ހިދުމަތް ދެމުންދަނީ 24 ގަޑިއިރު ހިދުމަތްދޭ ސިއްހީ މަރުކަޒަކުންނެވެ. އާ ހޮސްޕިޓަލް ނިމުމުން، އެ ރަށާއި އަދި ކައިރި ރަށްތަކުގެ ރައްޔިތުންނަށް މިހާރަށްވުރެ ފުޅާދާއިރާއެއްގައި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ލިބިގެންދާނެއެވެ.

