ޙައްޖުވެރިންގެ ލަގެޖުގެ ރައްކާތެރިކަން އިތުރުކުރުމަށް، ޕާސްޕޯޓާއި ލިންކްވާގޮތަށް ޚާއްސަ ޓެގެއް މިފަހަރު ބޭނުންކުރާނެ ކަމަށް ދިވެހިރާއްޖޭގެ ޙައްޖު މިޝަނުން ބުނެފި އެވެ.
ރާއްޖޭގެ ޙައްޖުވެރިންނަށް ދަތުރުފަތުރުގެ ލޮޖިސްޓިކް ޚިދުމަތްދޭ ސައުދީ ޕޯސްޓްގެ އެޖެންޓާއެކު ރާއްޖޭގެ ޙައްޖު މިޝަނުން ބައްދަލުވުމެއް ބާއްވާފައިވާއިރު، މި ބައްދަލުވުމުގައި ޙައްޖު މިޝަން، ޙައްޖު ކޯޕަރޭޝަން އަދި ދިވެހިންނަށް ޚިދުމަތްދޭ ކުންފުނިން ބައިވެރިވެފައިވާކަމަށް ޙައްޖު މިޝަނުން ބުނެ އެވެ.
ސުބުލް އޮޓޯރިޓީއަކީ ސައުދީ ޕޯސްޓްގެ ދަށުން ހިންގާ އޮތޯރިޓީއެކެވެ. އެއާޕޯޓާއި ހޮޓާލާއި ދެމެދު ލަގެޖުތައް އުފުލުމުގެ ޚިދުމަތް ދޭނީ މި އެޖެންޓް މެދުވެރުކޮށެވެ.
ހައްޖު މިޝަނުން ބުނީ ހައްޖާޖީންގެ ލަގެޖުގެ ރައްކާތެރިކަން އިތުރުކުރުމަށް، ޕާސްޕޯޓާއި ލިންކްވާގޮތަށް ޚާއްސަ ޓެގެއް މިފަހަރުގެ ހައްޖު މޫސުމުގައި ބޭނުންކުރާނެކަމަށާއި އަމާޒަކީ ޙާޖީންނާއި އެކުއެކީގައި ލަގެޖުތައް ހޮޓަލަށް ފޯރުކޮށްދިނުން ކަމަށެވެ.
މި ޚިދުމަތުގެ ބޭނުމަކީ ލަގެޖް ނެގުމުގެ ކަންކަމުގައި ޙާޖީން އަދި ކޯޕަރޭޝަނުންވެސް އެކަމަށް ވަގުތު ހުސްކުރަން ނުޖެހި، ފަސޭހަކަމާއި އަވަސްކަމާއެކު އެޖެންޓެއް މެދުވެރިކޮށް ޚިދުމަތް ފޯރުކޮށްދިނުންކަމަށް ޙައްޖު މިޝަނުން މައުލޫމާތު ދެއެވެ.
ދިވެހި ޙައްޖުވެރިންނަށް ފުރިހަމަ ޚިދުމަތެެއް ފޯރުކޮށްދިނުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ނެވެ.

