އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.
ރައީސް ނަޝީދު މިކަން ހާމަކުރެއްވީ "ބޮޑު ބަދަލު" ގެ ނަމުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ގާނޫނުއަސާސީއަށް ގެންނަން ހުށަހަޅާ ބޮޑެތި ބަދަލުތައް ހާމަކޮށްފަ އެވެ. މި ބަދަލުތަކުގެ ތަފުސީލު ދެއްވީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އެވެ.
ނަޝީދު ވިދާޅުވީ މި ބޮޑު ބަދަލު ގެނައުމަށްޓަކައި އެމްޑީޕީގެ ފަރާތުން ފައްޔާޒު ވެރިކަމަށް ގެންނަން ތާއީދުކުރައްވާ ކަމަށެވެ.
"އަދި، އަޅުގަނޑު ހަމަ އެއާ އެކުގައި މަސައްކަތްކުރާނީ ފުރަތަމަ ކަމަކަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ އެއްބަސްވުމާއި އެ މީހުންގެ ބަލައިގަތުން މި ބަދަލުތަކަށް އަޅުގަނޑުމެން ހޯދުން. އެހެންވީމާ އަޅުގަނޑު ގަސްތުކޮށްފިން އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލާން،" ނަޝީދު ވިދާޅުވި އެވެ.
މިއީ 2028 ވަނަ އަހަރުގެ ފަހުން ހޯދަންޖެހޭ ބަދަލެއް ނޫން ކަމަށް ވިދާޅުވެ، ނަޝީދު ވަނީ ބަދަލުތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް މޭޒު ދޮށަށް ވަޑައިގެންނެވުމަށް ސަރުކާރަށް ގޮވާލާފަ އެވެ.
މީގެއިތުރުން ބަދަލުތައް ގެންނަން މަގުމަތީ ހަރަކާތްތައް ވެސް ކުރިއަށްގެންދާނެކަން ނަޝީދު މިއަދު ވަނީ އިއުލާންކުރައްވާފަ އެވެ.


