މާނަ އޮޅުވާލައިގެން ހަބަރު ނުފެތުރުމަށް ރައީސްގެ ތަރްޖަމާނު އިލްތިމާސް ކުރައްވައިފިއެވެ.
ރައީސް އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން، މުޙައްމަދު ޙުސައިން ޝަރީފް ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ އަދަދު' ނޫހުގައި 20 އޭޕްރީލް 2026 ގައި ލިޔެފައިވާ "ކެމްޕެއިނާ ދިމާކޮށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ވަޒީފާ ދެއްވި ކަމަށް ރައީސް އިއުތިރާފުވެވަޑައިގެންފި" ސުރުޚީގެ ޚަބަރަކީ، ރަނގަޅު ޚަބަރެއް ނޫން ކަމަށެވެ.
މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި، ނޫސްވެރިއަކު ކުރި ސުވާލަކަށް އެމަނިކުފާނު ދެއްވި ޖަވާބަށް ޙަވާލާދީ، ލިޔެފައިވާ ޚަބަރަކަށްވި ނަމަވެސް އެޚަބަރުގައި ރައީސުލްޖުމްހޫރިއްޔާއާ ޙަވާލާދީ، ޚަބަރުގައި އޮތް ސުރުޚީ ހިމެނޭގޮތަށް، ބަޔާންކޮށްފައިވާ ވާހަކަތަކަކީ އެމަނިކުފާނު ދެއްވި ޖަވާބުގެ ދޭހަވީ މާނަ އޮޅުވާލުން ކަމަށެވެ.
އަދި ދެއްކެވި ވާހަކަފުޅުގެ ރޫހާއި މަޤްޞަދާ މުޅިން ޚިލާފު މާނައެއް އުފަންކުރުވައިގެން ލިޔެފައިވާ ޚަބަރެއް ކަމަށެވެ. ވަކި މަޤްޞަދެއް ޙާޞިލުކުރުމަށް ލިޔެވޭ އަން-އެތިކަލް، އަން-ޕްރޮފެޝަނަލް މިފަދަ ލިޔުންތަކާ ގުޅިގެން، ކަމުގެ ޙަޤީޤަތް ސާފުކޮށް، ހާމަކުރަމުންދާނެކަމަށް ވެސް ނޫސްބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.


