ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިގޮތަށް، އާސަންދައިން އެންބިއުލަންސްގެ ޚިދުމަތްދޭ ހާލަތްތަށް އިތުރުކޮށްފިއެވެ.
އާދީއްތަ ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުން ފައްޓަވަމުން އެމަނިކުފާނު ވިދާޅުވެފައިވަނީ އާސަންދަ ސްކީމް މެދުވެރިކޮށް އެމްބިއުލާންސްގެ ޚިދުމަތް މިހާރު ފޯރުކޮށްދެމުންދާ އުސޫލަށް ބަދަލުތަކެއް ގެންނަވާފައިވާ ކަމަށެވެ. އެގޮތުން 1 އެޕްރީލު 2026 އިން ފެށިގެން އެމްބިއުލާންސްގެ ޚިދުމަތް ދިނުމަށް ކަނޑައަޅުއްވާފައިވާ އުސޫލުގެ ތެރޭގައި އިތުރަށް ހިމަނުއްވާފައިވާ ހާލަތްތަކުގެ ތެރޭގައި، އެނދުމަތިކުރެވިފައިވާ ( ބެޑްރިޑެން ) ފަރާތްތައް، އައުޓް ޕޭޝަންޓްގެ ޚިދުމަތަށް ގެނެވޭ ހާލަތްތަކާއި، ވީލްޗެއަރގައި ގެންގުޅެންޖެހޭ ފަރާތްތައް ( ވީލްޗެއަރ ބައުންޑް ) އައުޓް ޕޭޝަންޓް ޚިދުމަތަށް ގެނެވޭ ހާލަތްތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ( ފިޒިކަލް ޑިސްއެބިލިޓީ، މެންޓަލް ޑިސްއެބިލިޓީ، އޯޓިޒަމް އަދި ޑައުންސިންޑްރަމް ހުންނަ ފަރާތްތައްވެސް ހިމެނޭހެން ) އައުޓް ޕޭޝަންޓް ޚިދުމަތަށް ގެނެވޭ ހާލަތްތަކާއި، ސިއްޙީ މަރުކަޒުގައި އެނދުމަތިކުރެވިފައިވާ ފަރާތެއް އިތުރު ފަރުވާއަކަށް ނުވަތަ ތަޚްލީލަކަށް އެހެން މަރުކަޒަކަށް ގެންދަންޖެހޭ ހާލަތްތަކާއި، އިވެކުއޭޓް ކުރެވޭ ހާލަތްތަކުގައި ނުވަތަ ރާއްޖެއިން ބޭރަށް އިތުރު ފަރުވާއަށް ރިފަރ ކުރެވޭ ހާލަތްތަކުގައި ބަލިމީހާ ޖެޓީއަށް ނުވަތަ އެއާޕޯޓަށް ގެންދިއުމުގެ އިތުރުން ތެލެސީމިއާ ބަލި ތަހައްމަލް ކުރާ ފަރާތްތައް އައުޓް ޕޭޝަންޓް ޚިދުމަތަށް ގެނެވޭ ހާލަތްތައް ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހަމަމިއާއި އެކު މިހާރުވެސް އާސަންދައިގެ ދަށުން އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދެމުންދާ އިމަރޖެންސީ ނުވަތަ ކުއްލި ހާލަތުގައި މީހުން ގެނައުމަށާއި، މައްޔިތުން އެމްބިއުލާންސްގައި އުފުލުމަށް އާސަންދައިގެ ޚިދުމަތް ލިބޭނެކަމަށް އެދުވަހު ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއީ ވަރަށް ގިނަ ރައްޔިތުންގެ ފަރާތުން އެދިވަޑައިގަންނަވާ ކަމެއްކަމަށެވެ. އެހެންކަމުން، މި ނިންމެވުން ނިންމެވީ ކަމާއިގުޅުންހުރި ދާއިރާތަކާއިއެކު މަޝްވަރާކުރައްވައި، ފަންނީ ގޮތުންނާއި މާލީ ގޮތުން މިކަން ކުރިއަށްގެންދެވޭނެގޮތެއް ބައްލަވައި ހިސާބުތައް ބެއްލެވުމަށް ފަހު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.


