ލޮނު ފެނުން މަސް ފިނިކުރާ ނިޒާމް ޤާއިމްކުރުމަށް އޮޑިވެރިންނަށް މިހާތަނަށް 53 މިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މި ލޯނު ދޫކުރަމުން ދަނީ މަސްވެރިކަމާ ބެހޭ ވުޒާރާއާއި، އެސްއެމްއީ ޑިޖިޓަލްއާއި ގުޅިގެންނެވެ. ލޯނަށް އެދުމަށް މި ސަރުކާރުން ފުރަތަމަ ހުޅުވާލީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުއެވެ. އެހެންނަމަވެސް އިތުރު ލުއިތަކާއެކު އަލުން ލޯނަށް އެދުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، އާރުއެސްޑަބްލިއު ސިސްޓަމް ޤާއިމްކުރުމަށް 99 ފަރާތަކުން ލޯނަށް އެދިފައިވާކަމަށެވެ. މީގެތެރެއިން 51 ފަރާތެއްގެ ލޯނު ވަނީ އެޕްރޫވްކޮށްފައެވެ. އަދި މިހާތަނަށް އާރުއެސްޑަބްލިއު ސިސްޓަމް ޤާއިމްކުރުމަށް 53 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
މިލޯނުގެ މަޤުޞަދަކީ މިހާރު ރާއްޖޭގެ އެކި އަތޮޅުތަކުގައި ޤާއިމުކޮށްފައިހުރި އައިސް ޕްލާންޓްތަކުން މަސްވެރިން ބޭނުންވާ ވަރަށް އައިސް ނުލިބޭތީއާއި އައިސް ހޯދުމަށް ކުރަންޖެހޭ ހޭދަ ކުޑަކުރުމަށް ހިންގާ ލޯނު ޕްރޮގްރާމެކެވެ. އަދި މަސްވެރިން ބާނާ މަސް ގިނަވަގުތު ތާޒާކަންމަތީ ދޯނީގައި ރައްކާކޮށް، ކަނޑުމަތީގައި ގިނަވަގުތު ހޭދަކުރެވޭގޮތް މެދުވެރިކޮށްދީ މަސްވެރިކަން އިތުރަށް ތަރައްޤީކުރުމަށް އެހީތެރިވެ ދިނުމަކީވެސް މީގެ މަޤްޞަދެކެވެ.
ލޮނުފެނުން މަސް ފިނިކުރެވޭ ނިޒާމް ގާއިމްކުރުމަށްޓަކައި ސަރުކާރުން މިހާރު ހުޅުވާލާފައިވަނީ ވަރަށް ލުއި ފެސިލިޓީއެއްކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ޤާއިމްކުރުމަށް ބަލާ ކްރެޑިޓް ހިސްޓްރީ މިންގަނޑު 3 މަސް ދުވަހަށް ވަނީ ކުޑަކޮށްފައެވެ. މީގެ ކުރިން މި މުއްދަތު ބަލަނީ 1 އަހަރު ދުވަހުގެ މުއްދަތަކަށެވެ.
އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް ދޫކުރާ ލޯނުގެ ދަށުން ރަހުނަކާއި ނުލައި 100،000 (އެއް ލައްކަ) ރުފިޔާއިން ފެށިގެން 2،000،000 (ދެމިލިޔަން) ރުފިޔާއާ ހަމައަށް ލޯނުދޫކުރެއެވެ. މީގެކުރިން ހުޅުވާލި ފުރުސަތުތަކާއި ޚިލާފަށް އަލުން ހުޅުވާލި ފުރުޞަތުގެ ދަށުން، ދޯނިތަކުގައި އަވިން ހަކަތަ އުފެއްދޭ ސޯލާ ނިޒާމާއި ޖެނެރޭޓަރު ގަތުމަށް ފުރުޞަތުވެސް ދެއެވެ. މިއާއެކު ލޯނު އަނބުރާ ދެއްކުމަށް 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑަކާއެކު، 10 އަހަރު ލިބޭނެއެވެ.


