ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ކިޔެވުން މެދުނުކެނޑި ކުރިއަށްގެންދިއުމަށް، ބޭނުންވާ ސާމާނު ތަޢުލީމީ ވުޒާރާއިން އެ ސްކޫލަށް ފޯރުކޮށްދީ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ފަށައިފިއެވެ.
ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގައި އަލިފާނުގެ ބޮޑު ޙާދިސާއެއް ހިނގީ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. މި އަލިފާނުގެ ހާދިސާގައި ސްކޫލުގެ ޕްރައިމަރީ ޓީޗަރުންގެ ސްޓާފްރޫމާއި، ޕްރިންޓިން ރޫމް އަދި އެއް ކިލާސްރޫމްވަނީ އަނދާފައެވެ.
ތަޢުލީމީ މަރުކަޒުގައި ހިނގި އަލިފާނުގެ ޙާދިސާއާއި ގުޅިގެން ތަޢުލީމީ ވުޒާރާގެ ޓީމެއް ވަނީ ޙާދިސާ ހިނގިތާ 24 ގަޑިއިރު ނުވަނީސް އެ ރަށަށް ގޮސް، ސްކޫލުގެ ޙާލަތު ބަލާފައެވެ. އަދި ކިޔަވައިދޭން ފެށުމަށް ބޭނުންވާ ސާމާނު އެ ރަށަށް ފޮނުވައި، އިންތިޒާމުތައް ދަނީ ހަމަޖައްސަމުންނެވެ.
އެގޮތުން، އެއަރ ކާގޯ މެދުވެރިކޮށް 10 ކޮމްޕިއުޓަރު ސިސްޓަމާއި، 3 ޕްރިންޓަރުގެ އިތުރުން 15 ފޮށިގަނޑު ޓެކްސްޓް ފޮތް މިހާރު ވަނީ އެ ސްކޫލަށް ފޮނުވާފައެވެ. ސްކޫލްގެ ޙާލަތު ތަޢުލީމީ ވުޒާރާއިން އަންނަނީ ގާތުން ބަލަމުންނެވެ.
މަޢުލޫމާތު ލިބޭގޮތުގައި މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ސްޓާފްރޫމުގައި ހުރި އޭސީއެއްގައި ރޯވެގެންނެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.
ގއ.އަތޮޅު ތަޢުލީމީ މަރުކަޒަށް ބޭނުންވާ ސާމާނު ފޮނުވައިފި
އާމިނަތު މޫސާ
8 ގަޑިއިރު ކުރިން

