ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޗައިނާ މެޝީނަރީ އިންޖިނޭރިންގް ކޯޕަރޭޝަން (ސީއެމްއީސީ)ގެ ހުޅުމާލޭ ފޭސް 2ގެ ސައިޓަށް ޒިޔާރަތްކުރައްވައި، "އެފޯޑަބަލް ހައުސިންގ" މަޝްރޫޢުގެ ފެށުމަށް ވެފައިވާ ތައްޔާރީތައް ބައްލަވާލައްވައިފިއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށްގެންދަވާ "އެފޯޑަބަލް ހައުސިންގ" މަޝްރޫޢުގައި ހިމެނިގެން ހުޅުމާލޭގައި ތަރައްޤީކުރާ 1224 ހައުސިންގް ޔުނިޓްގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް ރައީސް ބައްލަވާލައްވާފައި މިވަނީ ރޭ ބޭއްވުނު އެ މަޝްރޫޢުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ފަހުއެވެ.
މި ޒިޔާރަތުގައި ރައީސް ވަނީ އެ މަޝްރޫޢުގެ މަސައްކަތް ފެށުމަށް ސީއެމްއީސީ ގެ ފަރާތުން ވެފައިވާ ތައްޔާރީތަކުގެ ތަފުސީލީ މަޢުލޫމާތު ހޯއްދަވާފައެވެ. މި މަޝްރޫޢުގެ މަސައްކަތް މަޑުޖެހުމެއްނެތި ބާރު ސްޕީޑުގައި ކުރިއަށްގެންދިއުމަށް ރައީސް ވަނީ އެ ކުންފުނީގެ އިސްވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ.
އަދި ރައީސްގެ އެދިވަޑައިގެންނެވުމަށް އިޖާބަދެއްވައި އެ ކުންފުނީގެ ވެރިން ވަނީ މި މަޝްރޫޢުގެ ހުރިހާ މަސައްކަތްތަކެއްވެސް ތާވަލުކުރެވިފައިވާ ތާރީޚްތަކަށް ނިންމަވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
މި ޒިޔާރަތުގައި، ރައީސްގެ އަރިހުގައި ދަޢުލަތުގެ ވަޒީރުންނާއި މި މަޝްރޫޢުގެ ފައިނޭންސަރެއްގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިސްވެރިންގެ އިތުރުން ސީއެމްއީސީގެ އިސްވެރިންނާއި ސަރުކާރުގެ ގުޅުންހުރި ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

.jpg&w=3840&q=75)