ރާއްޖޭގެ ލޮޖިސްޓިކްސް ދާއިރާ ހަރުދަނާކުރުމަށްޓަކައި ޤާއިމްކުރި މައި ނެޓްވޯކްގެ ތެރެއަށް ރާއްޖޭގައި ގާއިމްވެތިބި އަމިއްލަ ކުންފުނިތަކަށްވެސް ވަނުމުގެ ފުރުސަތު މިހާރު ފަހިވެފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ވަޒީރު ސައީދު ވިދާޅުވީ، ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މި ނެޓްވޯކް މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ.
ވަޒީރު ސަޢީދު ވިދާޅުވީ، ރާއްޖޭގައި އޮންނަ ބައިނަލްއަޤުވާމީ ތިން ބަނދަރު ކަމަށްވާ މާލޭ ވިޔަފާރި ބަނދަރު، ކުޅުދުއްފުށި ޕޯޓު އަދި އައްޑޫ ސިޓީ ވިޔަފާރި ބަނދަރު ލޮޖިސްޓިކަލީ ގުޅުވައިދޭނެ މައި ނެޓްވޯކެއް "އެންކާ" ގެ ނަމުގައި ހިންގަމުންދާ ކަމަށެވެ. މި ނެޓްވޯކްގެ ތެރެއިން އަމިއްލަ ކުންފުނިތަކަށް ވިޔަފާރީގެ ފުރުޞަތުތައް ފަހިވެގެންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އަމިއްލަ ފަރާތްތަކަށް ފުރުޞަތު ދިން ނަމަވެސް، މި ނެޓްވޯކް ހިންގުމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިސްދައުރެއް އަދާކުރަންޖެހޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެއީ ކޮންމެފަދަ ދަނޑިވަޅެއްގައިވެސް ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތި ހުއްޓުމެއްނެތި ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަކަށް ވާތީ ކަމަށާއި، ވަކިން ޚާއްސަކޮށް މެދުއިރުމަތީގެ ހަނގުރާމައިގެ ހާލަތާ ގުޅިގެން މިފަދަ ނިޒާމެއްގެ މުހިންމުކަން ބޮޑުވެފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ތެޔޮ ލިބުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުންތަކަށް ރައްދު ދެއްވަމުން ވަޒީރު ވިދާޅުވީ، އެސްޓީއޯއިން ރާއްޖެއަށް ބޭނުންވާ ތެލާއި ގޭހުގެ ސްޓޮކް ހުސްނުވެ ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހުވެސް ތެލުގެ އައު ޝިޕްމަންޓެއް ގެނެސްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ ތިން ސަރަޙައްދެއްގައި އެއް އަހަރު ދުވަހަށް ބޭނުންވާނެ ވަރަށް ތެޔޮ ރައްކާކުރެވޭނެ ތެލުގެ ރިޒާވްއެއް ޤާއިމްކުރުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށްވެސް އިކޮނޮމިކް ވަޒީރު މުޙައްމަދު ސަޢީދު ވަނީ ހާމަކުރައްވާފައެވެ.
