logo

ދިވެހިޗެނަލަށް 5 އަހަރު - ތަޖުރިބާއާއި ހުނަރުން ކުރިއެރުން ހޯދަމުންދާ ރަމްގެ މީޑިއާ ކެރިއަރއަށް ނަޒަރެއް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
9 މަސް ކުރިން

އާމިނަތު ރަމްލާ، އެންމެން ދަންނަ ނަމުން ރަމް އަކީ ބެލުންތެރިންނަށް ފަރިތަ މޫނެކެވެ. މިއަދު ދިވެހިޗެނަލަށް 5 އަހަރުވެގެންދާއިރު ރަމްގެ ޚިދުމަތަށް ވެސް ވަނީ 5 އަހަރު ވެފައެވެ.

ކެރިއަރއެއް ބިނާ ކުރުމަކީ ފަސޭހަކަމަކަށް ނުވާއިރު ރަމްއަންނަނީ ދެ ދާއިރާއަކުން ކެރިއަރ ބިނާކޮށް ދަމަހައްޓަމުންނެވެ.

ރަމްއަކީ ޕްރެޒެންޓަރެއްގެ އިތުރުން ޓީޗަރެއްވެސްމެއެވެ. ރަމްގެ ޕްރެޒެންޓިން ކެރިއާރގެ ކުރީ ކޮޅަށް ނަޒަރެއް ހިންގާލާއިރު، ދިވެހިރާއްޖޭގެ އަޑުގައި ބާއްވަމުންދާ މަޝްހޫރު ޝޯއެއް ކަމަށްވާ، ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގައި ބައިވެރިވެ އޭނާގެ މޮޅު ހުނަރު ދެއްކިއެވެ. އެ ޝޯގެ ޖަޖެއްގެ ގޮތުގައި މަސައްކަތްކުރި އޭރުގެ މަޝްހޫރު ޕްރެޒެންޓަރ އަދި މިހާރު ރައީސް އޮފީހުގެ ސްޕޯކްސްޕަރސަން ހީނާ ވަލީދު ރަމްގެ ހުނަރު ފެނި އޭނާ ދާއިރާއަށް ނުކުތުމަށް ފުރުސަތު ހުޅުވައިދިނެވެ.

އެފުރުސަތު ވެގެންދިޔައީ ރަމްގެ ހަޔާތަށް އައި އިންގިލާބީ ބަދަލަކަށެވެ. އެ ޝޯގައި ރަމް ދައްކުވައިދިން ހުނަރުވެރި ޕާފޯމެންސްގެ ސަބަބުން ޗެނަލް13 ގައި މަސައްކަތް ކުރުމަށް ހީނާ ކުރި ރިކްއެސްޓް ވެގެން ދިޔައީ ރަމްގެ ދިރިއުޅުން ބަދަލުކޮށްލި ކަމަކަށެވެ.

ޓީޗިންގެ ދާއިރާއިން މަތީ ތަޢުލީމް ހާސިލްކުރުމަށްފަހު 2016 ވަނަ އަހަރު އޭނާ ޗެނަލް13ގައި ވީޑިއޯ ޖާނަލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރަންފެށިއެވެ. ޚަބަރާއި، ރިޕޯޓް ލިޔެ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކެމެރާކޮށް، ޚަބަރު ކިޔުމުގެ އިތުރުން ޕްރޮޑިއުސްކުރަން ފެށި ރަމްލާ ދިޔައީ ވަރަށް ފޯރިއާ، ހިތްހަމަ ޖެހުމާއެކު މީޑިއާ ދާއިރާގައި ފައިތިލަ ސާބިތުކުރަމުންނެވެ.

undefined

ރަމް އޭނާ ކިޔަވައިދޭ ސުކޫލުގައި ދަރިވަރުންނާއި އެކީ

ޓީޗިން ދާއިރާއިން މަތީ ތައުލީމް ހާސިލްކޮށްފައިވުމުން 2019 ވަނަ އަހަރު ފުލްޓައިމްކޮށް ކަލާފާނުސުކޫލަށް ޓީޗަރެއްގެ ގޮތުގައި ރަމް ބަދަލުވިއެވެ. އެއާއެކު ކުޑަދުވަސް ކޮޅަކަށް މީޑިއާ ދާއިރާ އާ ދުރުވާންވެސް ޖެހުނު ކަމަށް ރަމް ބުންޏެވެ.

ޓީޗަރެއްގެ ވަޒީފާ އަދާކުރަމުން ދިވެހިޗެނަލުގައި ޕާޓް ޓައިމް ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރަން ފުރުސަތު ލިބުމުން ރަމް ވަނީ އަނެއްކާވެސް، މީޑިއާ ދާއިރާގައި މަސައްކަތްކުރަން ފަށާފައެވެ. މި ދާއިރާގައި އޭނާ މަސައްކަތް ކުރާތާ މިހާރު9 އަހަރު ވީއިރު ދިވެހި ޗެނަލްގައި މަސައްކަތް ކުރާތާ މިއަދަށް ވަނީ 5 އަހަރު ވެފައެވެ. ރަމް އަކީ މިހާރު ދިވެހި ޗެނަލްގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން އެންމެ ގިނަ ދުވަހު ޗެނަލަށް ޚިދުމަތްކުރުންމަތީ ދެމި ހުރި އެއް ޕްރެޒެންޓަރެވެ.

ރަމް އަކީ ވަރަށް މަޖާ މިޒާޖެއް ހުންނަ އެންމެނާ ގުޅިގެން މަސައްކަތް ކުރާ ހިތްވާ، ހިންގުންތެރި ޒުވާނެކެވެ. ރަމް ބުނީ އެންމެނާއެކު، ގުޅިގެން ކުރެވޭ މަސައްކަތުން ޗެނަލް އިތުރަށް ކުރިއެރުމަކީ ލިބޭނެ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ވަރަށް ކުރާހިތްވާ ކަމެއް ޕްރެޒެންޓްކޮށް، ޕްރޮޑިއުސްކޮށް ހެދުމަކީ. މީ އަޅުގަނޑު އެންމެ މަސައްކަތް ކުރާހިތްވާ ދާއިރާ. ވަގުތުވާ ވަރަކުން ޕްރްގްރާމްތައް ޕްރްޑިއުސްކޮށް، ޕްރެޒެންޓްކޮށް ހަދަން. ވަރަށް ކުރާ ހިތުން ހުރިހާ މަސައްކަތެއްވެސް މި ކުރަނީ އަސްލު. މި ދާއިރާ އަކީ ތަފާތު ތަޖުރިބާތައް ކުރަން ލިބޭ ދާއިރާއެއް. އެހެންވެ ވަރަށް ހިތްހަމަޖެހިގެން މަސައްކަތް ކުރެވޭ. ބުނެވޭނީ މި ދާއިރާ އަކީ އަޅުގަނޑުގެ ދިރިއުޅުމުގެ އެއްބައޭ." ރަމް ވަރަށް އުފާވެލާފައި ބުންޏެވެ.

މިހާތަނަށް ދިވެހި ޗެނަލްގައި ރަމް ހުށަހަޅާލަދިން ޕްރްގްރާމްތަކުގެ ތެރޭގައި، ހަވާސާ، ބަހުރުވަ، ކޮއްކޮމެންގެ ގަޑި، ވީކެންޑް ޝޯ، ދަ ގޭމް ޝޯ ވިތް ރަމް، ހިތުން ހިތށް، ދަން ފޯރި، ރޯދަ ހަވީރު އަދި ހާއްސަ ދުވަސް ތަކުގެ ލައިވް ކަވަރޭޖްތައް ހިމެނެއެވެ. މީގެ އިތުރުން ކޮންމެ ހަފްތާއަކުވެސް ޚަބަރު ގަޑިތަައް ހުށަހެޅުމުގައި ހަރަކާތްތެރިވެއެވެ

undefined

ރަމް ދިވެހި ޗެނަލުގައި ހުށަހެޅި ޕްރޮގްރާމްގެ ތެރެއިން

ދެ ދާއިރާއެއްގައި އެކުއެކީގައި މަސައްކަތް ކުރުމަކީ ވަރަށް މަދު މީހަކަށް ނޫނީ ނުވާނެ ކަމެކެވެ. ހާއްސަކޮށް ޓީޗިންގކަހަލަ ބުރަ މަސައްކަތްތަކެއް ކުރާ ދާއިރާއެއްގައި ގިނަ ވަގުތު ހޭދަ ކުރަމުން، އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް ވަގުތު ދެމުން، މީޑިއާގައި މަސައްކަތް ކުރުމަކީ ފަސޭހަކަމެއް ނޫނެވެ. އެހެން ނަމަވެސް ރަމް މިވަނީ އަމަލުން މިކަން ދައްކާފައެވެ. ރަމް އަކީ ދިރިއުޅުމުގައި ދިމާވާ އެތައް އުދަގޫ ތަކަކާ ކުރިމަތި ލަމުން، ފޫހި ކަމެއް ނެތި މީޑިއާގެ ދާއިރާގައި މަސައްކަތް ކުރަމުންދާ އެފަދަ ދެވަނައެއް ނުވާ، ހިތްވަރުގަދަ ކަނބަލެކެވެ. އަބަދުވެސް އެދެނީ އުފާވެރިކަމާއި، ކާމިޔާބީ އަށެވެ.

ހަގީގަތުގައި ރަމް ފަދަ އަންހެން ކަނބަލަކަށް ސެލިއުޓް ހައްގެއެވެ. ރަމްގެ ހުނަރާއި ކެރުމާއި ޖޯޝާއި ފޯރި އެއީ އެހެންމީހުންނަށް ހުރި ހަގީގީ ގަދަފަދަ މިސާލެކެވެ.

ad