logo

އެމްއެމްއޭގެ ރޭޓާ ޚިލާފަށް ޑޮލަރު ވިއްކުމާއި އިޝްތިހާރުކުރުން ކުށަކަށް ހަދަނީ

އާމިނަތު މޫސާ
ގަޑިއިރެއް ކުރިން

އެމްއެމްއޭއިން ކަނޑައަޅާ ރޭޓާ ޚިލާފަށް ބޭރު ފައިސާ ވިއްކުމާއި އިޝްތިހާރު ކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައި، އެކަންކަމަށް ޚާއްޞަ އަދަބުތަކެއް ކަނޑައެޅުމަށް ބޭރުފައިސާއާ ބެހޭ ޤާނޫނަށް ގެންނަ އިސްލާޙުގެ ތެރޭގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

މާލިއްޔަތު ކޮމިޓީން މިގޮތަށް ފާސްކުރީ، ސަރުކާރުގެ ފަރާތުން ބޭރުފައިސާއިން ލިބޭ އާމްދަނީ މާރުކުރަންޖެހޭ މިންގަނޑު އިސްލާޙު ކުރުމަށް ހުށަހަޅުއްވާފައިވާ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވުމާ ގުޅިގެން ބިލު އަލުން ދިރާސާކުރުމަށްފަހު، ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ބިލުގައި ވަނީ، ބޭރުފައިސާގެ އާމްދަނީ ބޭންކު އެކައުންޓަކަށް ޖަމާކުރުން ލާޒިމުވާނީ ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތް ދޭ ފަރާތްތަކުގެ އިތުރުން އެހެން ފަރާތަކުން ވިއްކާ ނުވަތަ ދޭ މުދަލާއި ޚިދުމަތަށް، ފާއިތުވި މީލާދީ އަހަރެއްގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 25 މިލިޔަން އެމެރިކާ ޑޮލަރަށް ނިސްބަތްވާ ޢަދަދެއް ލިބޭ ފަރާތްތައް ކަމަށް ބަޔާންކޮށްފައެވެ. އަދި މި ފައިސާ ޖަމާކުރަންވާނީ، އެމްއެމްއޭއިން ލައިސަންސް ލިބިގެން ހިންގާ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް ކަމަށާއި، ފައިސާ ޖަމާކުރާ ބޭންކް އެކައުންޓުގެ މައުލޫމާތު އެ އޮތޯރިޓީއާ ހިއްސާކުރަންވާނެ ކަމަށްވެސް އިސްލާޙުގައި ވަނީ ބަޔާންކޮށްފައެވެ.

ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ބިލަށް މާލިއްޔަތު ކޮމިޓީން ގެނައި އިސްލާހުގައިވާ ގޮތުން، ރަސްމީ ރޭޓު ނުވަތަ ކަނޑައެޅިފައިވާ ބޭންޑަށް ވުރެ ބޮޑު އަގުގައި ބޭރު ފައިސާ މާރުކުރާ ރޭޓުތައް އިޝްތިހާރު ކުރުމަކީ މަނާ ކަމެކެވެ.

އެމްއެމްއޭއިން ކަނޑައަޅާފައިވާ ރޭޓާ ޚިލާފަށް ބޭރު ފައިސާ އިސްތިހާރު ކުރުމާއި ޕްރޮމޯޓްކުރުމަކީވެސް ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް އިސްލާހު ވަނީ ހުށަހަޅުއްވާފައެވެ. އެގޮތުން އެއްވެސް ފަރާތަކުން ބޭރުފައިސާ ގަނެވިއްކުމަށް އޮތޯރިޓީން ރަސްމީކޮށް ކަނޑައަޅައި، އާންމުކޮށްފައިވާ ރޭޓު ނުވަތަ ބޭންޑަށްވުރެ މަތީ ރޭޓެއްގައި ނުވަތަ ކަނޑައަޅާފައިވާ ބޭންޑުގެ ބޭރުން ކުރާ ވިޔަފާރިއާ ގުޅޭ ރޭޓެއް ނުވަތަ އަގެއް އިސްތިހާރު ކުރުމާއި ޕްރޮމޯޓް ކުރުމަކީ ކުށެއް ކަމަށް ވަނީ ބަޔާންކޮށްފައެވެ.

އެމްއެމްއޭއިން ކަނޑައަޅާ ރޭޓާ ޚިލާފަށް ބޭރުފައިސާ ވިއްކައިފިނަމަ ނުވަތަ ވިއްކަން މަސައްކަތްކޮށްފިނަމަ އެ މީހަކު ކުރި ކުށުގެ ކުޑަބޮޑުމިނަށް ބަލައި 25،000 އާއި 1 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ. މީގެ ތެރޭގައި އެފަދަ އަގުތައް އިޝްތިހާރު ކުރުމަށްޓަކައި، ނުވަތަ އެކަމަށް ހިތްވަރު ދިނުމަށްޓަކައި، ނުވަތަ މައުލޫމާތު ފެތުރުމަށްޓަކައި ޑިޖިޓަލް އެއްވެސް ވަސީލަތަކުން ނުވަތަ ޕްލެޓްފޯމަކުން އާންމުކޮށް އެނގޭނެހެން އެފަދަ މައުލޫމާތު ޝާއިއުކުރުމާއި، ފެތުރުމާއި، ތަކުރާރުކުރުން އަދި އެހެން ފަރާތްތަކަށް ފޯރުކޮށްދިނުން ހިމެނެއެވެ.

މި އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި، މިފަދަ އަމަލެއް ހިންގައިފި ނަމަ ކަނޑައެޅޭ އަދަބަކީ 25،000 (ފަންސަވީސް ހާސް) ރުފިޔާއާއި 500،000 (ފަސް ލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

މީގެ އިތުރުން އެމްއެމްއޭއިން ކަނޑައަޅާ ރޭޓާ ޚިލާފަށް ބޭރު ފައިސާ ގަނެ ވިއްކުމާއި، އިޝްތިހާރު ކުރުމުގައި ޤާނޫނީ ޝަޚުސެއް ޝާމިލުވާނަމަ އެފަރާތެއް 100،000 (އެއްލައްކަ) ރުފިޔާއާއި 5 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބޭރުފައިސާއާ ބެހޭ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު ފާސްކުރީ، މެންބަރު މަމްދޫހު ހުށަހެޅުއްވި މި އިސްލާޙުތަކާއެކުގައެވެ.

ad