logo

ޕީސީބީގެ މެމްބަރުކަމަށް ޒައިނާ އައްޔަންކުރަން ރުހުންދީފި

އާމިނަތު މޫސާ
ގަޑިއިރެއް ކުރިން

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް ގއ.ދާންދޫ، ޒައިނާ ޢަބްދުﷲ، ޢައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޒައިނާއަށް ރުހުން ދޭން ފެންނަ ކަމަށް 47 މެންބަރުން ވޯޓު ދިންއިރު ނުފެންނަ ކަމަށް 10 މެންބަރުން ވޯޓުދީފައިވެ އެވެ.
ޒައިނާ ހަމަޖައްސާފައިވަނީ ބޯޑުގައި ބޭންކިން ދާއިރާ ތަމްސީލް ކުރާ މެންބަރުގެ ގޮތުގަ އެވެ.

ބޭންކިން ދާއިރާ ތަމްސީލުކުރާ މެންބަރެއްގެ ގޮތުގައި ޒައިނާ އެ މަގާމަށް އައްޔަންކުރައްވާފައި ވަނީ މިދިޔަ ޖޫން މަހުގެ ފަހުކޮޅުގައެވެ. ޒައިނާގެ ނަން ދިރާސާކުރި މަޖިލީހުގެ ސްޓޭޓް އޯންޑް އެޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީން ވަނީ އޭނާއަކީ އެ މަގާމަށް ގާބިލު ބޭފުޅެއް ކަމަށް ނިންމައި، 80 އިންސައްތަ މާކްސް ދީފައެވެ. ކޮމިޓީގެ ރިޕޯޓުގައިވަނީ ޒައިނާ އެ މަގާމަށް އައްޔަންކުރަން ރުހުން ދޭން ފެންނަ ކަމަށް ލަފާދީފައެވެ.

ބޭންކިންގ އަދި ފައިނޭންސްގެ ދާއިރާގައި މަސައްކަތް ކުރައްވާ ޒައިނާ ޢަބްދުﷲއަކީ ކޯޕަރޭޓް ފައިނޭންސް، އިސްލާމިކް ބޭންކިންގ އަދި ދައުލަތުގެ ކުންފުނިތަކުގެ ގަވަރނަންސްގެ ދާއިރާގައި 10 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

މީގެ ކުރިން ޕީސީބީގެ ސީނިއަރ އޮފިސަރެއްގެ މަޤާމުވެސް އޭނާ އަދާކުރެއްވިއެވެ. ޕީސީބީއަށް އައްޔަން ކުރެއްވިއިރު އޭނާ ހުންނެވީ، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ)ގެ ހެޑް އޮފް ކޯޕަރޭޓް ޕްރޮސެސިންގގެ މަޤާމުގައެވެ.

ޒައިނާ ބެޗްލަރސް އޮފް ކޮމާސް ހާސިލު ކުރައްވާފައިވަނީ، އިންޑިއާގެ ޔުނިވަރސިޓީ އޮފް ޕޫނޭއިންނެވެ. އަދި މެލޭޝިއާގެ އިންޓަރނޭޝަނަލް ސެންޓަރ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސްއިން މާސްޓަރސް އޮފް އިސްލާމިކް ފައިނޭންސް ޕްރެކްޓިސް ފުރިހަމަ ކުރައްވާފައިވެއެވެ.

ad