logo

ހޯމް-ސްކޫލިން ޕްރޮގްރާމް ތަޢާރަފް ކުރުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި

މަރްޔަމް
ދުވަހެއް ކުރިން
ކ. ހުރާ ދާއިރާގެ މެންބަރު އަނާރާ ނަޢީމް

ކ. ހުރާ ދާއިރާގެ މެންބަރު އަނާރާ ނަޢީމް

ނުކުޅުދުންތެރިކަން ހުންނަ ކުދިންނާއި ނަފްސާނީ ހާލަތު ހުންނަ މިންވަރަށް ބިނާކޮށް، ގޭގައި ތަޢުލީމު ފޯރުކޮށް ދިނުމަށް ހޯމް-ސްކޫލިން ޕްރޮގްރާމް ތަޢާރަފް ކުރުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން އެ ބިލު ހުށާހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ބިލުގެ ފުރަތަމަ ކިޔުން ވެސް އިއްވައިފަ އެވެ.

މި ބިލަކީ ދަރިވަރުގެ ނުކުޅުދުންތެރިކަން ހުރި ނިސްބަތަށް ނުވަތަ ނަފްސާނީ ހާލަތު ހުރި މިންވަރަށް ބަލާ ހަދާ އެސެސްމެންޓެއްގެ މައްޗަށް ބިނާކޮށް، ގޭގައި މަދަރުސީ ތަޢުލީމު ފޯރުކޮށްދިނުމަށް ހޯމް-ސްކޫލިން ޕްރޮގްރާމް ތަޢާރަފްކޮށް، އެ ޕްރޮގްރާމްގެ ދަށުން ކިޔެވުމުގެ ފުރުޞަތު ދިނުމުގެ ޝަރުތުތަކާއި، އުސޫލުތައް ބަޔާންކުރުމުގެ ކަންކަން ހުށަހަޅާފައިވާ ބިލެކެވެ.

ނުކުޅުދުންތެރިކަން ހުންނަ ކުދިންގެ ތެރެއިން، ސްކޫލަށް ހާޒިރުވެ ތައުލީމު ހާސިލު ނުކުރެވޭ ކުދިންނަށް އެކުދިން ދިރިއުޅޭ ގޭގައި މަދަރުސީ ތަޢުލީމު ފޯރުކޮށްދެވިދާނެކަމަށް ބިލުގައި ބުނެފައިވެއެވެ. ބިލުގައި އިތުރަށް ބުނެފައިވަނީ ޖިސްމާނީ، ނަފްސާނީ އަދި އެނޫންވެސް ޚާއްސަ ހާލަތެއް މެދުވެރިވެފައިވާ ނަމަ ހޯމް ސްކޫލިންގެ ދަށުން ތަޢުލީމު ދެވޭނެ ކަމަށެވެ.

އަދި މަދަރުސީ ތަޢުލީމުގެ ނިޒާމު ހިންގާ ތަންފީޒުކުރުމުގައި ބެލެނިވެރިންނާ މުދައްރިސުންނާ ޕްރިންސިޕަލުންގެ ދަޢުރު އިތުރަށް ތަފްސީލުކުރުމަށާއި، އެނޫންވެސް ޤާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި އެ ޤާނޫނަށް ގެންނަން ޖެހޭ އިސްލާޙުތައް ގެނައުމަކީ ވެސް ބިލުގެ މަގުސަދެކެވެ.

ad