ބ. ކަމަދޫ ގޮޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ތޮށިގަނޑު ޕްރޮފައިލް ކުރުމުުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީ އިން މި މަޝްރޫއު އާއި ގުޅިގެން އެކްސްގައި ކުރި ޕޯސްޓުގައި ވަނީ، އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މިހާރު ބޮޑުހިލައިން ތޮށިގަނޑެ ހަދަމުންދާކަމަށެވެ.
ކަމަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަު އެމްޓީސީސީ އާއި ހަވާލު ކުރީ 2023 ވަނަ އަހަރު 180 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް 24.4 މިލިއަން ރުފިޔާއަށެވެ.
މި މަޝްރޫއުގެ ދަށުން، ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ފަޅު ފުންކުރުމާއި، 844 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލަ ޖެހުން ހިމެނެއެވެ. އަދި 402 މީޓަރުގައި ކުއޭ ވޯލް ގެ މަސައްކަތް ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ގިރާ ސަރަހައްދުގައި 50 މީޓަރުގެ 15 ބޮޑުހިލަ ބްރޭކްވޯޓާ ޖަހަން ޖެހެއެވެ.

