ޤަތަރަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު ފުރާވަޑައިގަންނަވައިފިއެވެ.
މިދަތުރުފުޅަކީ، ޤަޠަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމާ ގުޅިގެން ، އެޤައުމުގެ އަމީރު ހިޒް ހައިނަސް ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީ އާއި ޝާހީ ޢާއިލާއަށާއި ޤަތަރުގެ ރައްޔިތުންނަށް ދިވެހިރައްޔިތުންގެ ފަރާތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ތަޢުޒިޔާ ދެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
އުމުރުފުޅުން 74 އަހަރުގައި ޝައިޚް ޙަމަދު އަވަހާރަވީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ.
ކުރީގެ އަމީރު ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމާއި ގުޅިގެން އެޤައުމުގައި ބާއްވާ ރަސްމީ ހިތާމަފާޅުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ދުނިޔޭގެ ގިނަ ޤައުމުތަކެއްގެ މަންދޫބުން ޤަތަރަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.
ޤަޠަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އަލް-ޘާނީ، އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިއްޔެ ތައުޒިޔާވެސް ދަންނަވާފައެވެ. އެގޮތުން ޤަޠަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އަލް-ޘާނީ އަވާހަރަވުމާއި ގުޅިގެން، އެކަމުގައި ހިތާމައިގެ ބައިވެރިވާ ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ، ޤަތަރުގެ ކުރީގެ އަމީރަކީ ދުރުވިސްނޭ ޚިކުމަތްތެރި ލީޑަރެއް ކަމަށާއި ޤަތަރުގެ ތަރައްޤީ ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ފަރާތެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ތައުޒިޔާގެ މެސެޖުގައި ޤަތަރުގެ މިހާރުގެ އަމީރު ޝެއިޙް ތަމީމް ބިން ޙަމަދު އަލް-ޘާނީގެ ބައްޕާފުޅު އަވާހަރަވުމާއި ގުޅިގެން ޤަތަރު ޝާޚީ ޢާއިލާއަށާއި، ސަރުކާރާއި ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވިއެވެ. އަދި ޝައިޚް ޙަމަދު ބިން ޚަލީފާ އަލް-ޘާނީއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކޮށްދެއްވުން އެދި ދުޢާ ކުރައްވާ ކަމަށް ވިދާޅުވިއެވެ.
ޝައިޚް ޙަމަދު ޤަޠަރުގެ އަމީރުކަން ކުރެއްވީ 1995 އިން 2013 ވަނަ އަހަރާ ހަމައަށެވެ. އެމަނިކުފާނުގެ 18 އަހަރުވީ ޒަޢާމަތުގައި ޤަޠަރު ވަނީ ދުނިޔޭގެ އެންމެ މުއްސަނދި އެއް ޤައުމަށް ބަދަލުކޮށްލައްވާފައެވެ. އެގޮތުން ޤަޠަރުގެ ގޭސް އުފައްދާ މިންވަރު 77 މިލިއަން ޓަނަށް އިތުރުކުރައްވައި، ރައްޔިތުންގެ ބޮލަކަށް ޖެހޭ އާމްދަނީ 86,440 ޑޮލަރަށް އުފުއްލެވިއެވެ. މީގެ އިތުރުން ޤަޠަރު އިންވެސްޓްމަންޓް އޮތޯރިޓީ (ކިއު.އައި.އޭ) އުފައްދަވައި، އިނގިރޭސިވިލާތުގެ "ދަ ޝާޑް" އިމާރާތާއި، ހެރޮޑްސް އަދި ޕެރިސް ސެއިންޓް ޖާމަން ކްލަބް ފަދަ ދުނިޔޭގެ މަޝްހޫރު ތަންތަނުގައި 100 ބިލިއަނަށްވުރެ ގިނަ ޑޮލަރު އިންވެސްޓްކުރެއްވިއެވެ.
ޚާރިޖީ ދާއިރާއިންނާއި ކުޅިވަރުގެ ދާއިރާއިންވެސް ޝައިޚް ޙަމަދު ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯއްދަވައިދެއްވާފައެވެ. އެގޮތުން 2006 ގެ އޭޝިއަން ގޭމްސްއާއި 2022 ގެ ފީފާ ވޯލްޑް ކަޕް ޤަޠަރުގައި ބޭއްވުމުގެ ފުރުޞަތު ހޯއްދަވައިދެއްވީ އެމަނިކުފާނެވެ. އަދި ސަރަޙައްދީ ސުލްޙައަށްޓަކައި "ދޯހާ އެއްބަސްވުން" ފަދަ މުހިންމު ސިޔާސީ މަޝްވަރާތައް ބޭއްވުމުގައިވެސް އެމަނިކުފާނު އިސްދައުރެއް އަދާކުރެއްވިއެވެ.
ޝައިޚް ޙަމަދު ވެރިކަން ދޫކޮށްލެއްވީ 2013 ވަނަ އަހަރު، ދަރިކަލުން އަދި މިހާރުގެ އަމީރު ޝައިޚް ތަމީމްއާ ވެރިކަން ޙަވާލުކުރެއްވުމަށްފަހުގައެވެ.

