ބަރުދަން ލުއިކުރުމަށް ސައްޙަނޫން މައުލޫމާތު ހިމެނޭ ކާބޯތަކެތި ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑިއޭއިން އިލްތިމާސްކޮށްފިއެވެ.
އެމްއެފްޑިއޭއިން ބުނީ ބަލިބައްޔަށް ފަރުވާއެއް ނުވަތަ ހަށިގަނޑަށް ބަދަލެއް ގެނެސްދޭކަމަށް ދޭހަވާގޮތަށް ރާއްޖޭގައި ކާބޯތަކެތި މާކެޓުކުރާކަން ފާހަގަކުރެވިފައިިވާ ކަމަށާއި، ބަރުދަން ލުއިކުރުމަށާއި އެކި ބަލިބަލީގެ ފަރުވާއެއް ކަމަށް ބުނެ ގިނަ އުފެއްދުންތަކެއް މާކެޓުކޮށް، އެތަކެތި ބޭނުންކުރުމަށް ހިތްވަރުދީ، އެއާ ގުޅޭ މަޢުލޫމާތުތައް އެކި މަންސަތަކުގައި ދައުރުކުރަމުންދާކަން މިހާރަކަށް އައިސް ވަރަށް ބޮޑަށް ފާހަގަވެފައިވާ ކަމަށެވެ.
އެގޮތުން ސައިންޓިފިކް ދިރާސާއެއްގެ މައްޗަށް ބިނާނުކޮށް ސާބިތުނުހިފޭ މަޢުލޫމާތު ހިމެނޭގޮތަށް ކާބޯތަކެތި މާކެޓުކުރުމަކީ އެ ބޭނުންކުރާ ފަރާތަށް މަޢުލޫމާތު އޮޅި ޞިއްޙަތަށް އޭގެ ނޭދެވޭ އަސަރުކުރުމުގެ ފުރުޞަތުއޮތް ކަމެއް ކަމަށެވެ. އަދި ވަކިން ޚާއްޞަކޮށް ދާއިމީ ބަލިތަކަށް ބޭސްފަރުވާކުރާ މީހުންނާއި، މާބަނޑުމީހުން އަދި ގާތުންކިރުދޭ މައިންނަށް މީގެ ނޭދެވޭ އަސަރުކުރުމުގެ ފުރުޞަތު ބޮޑުކަމަަށެވެ.ކާބޯތަކެތީގެ އުފެއްދުމެއްގެ ކުރިއެރުވުމަށްޓަކައި ބޭނުންކުރާ މަޢުލޫމާތު އެކި މަންސަތަކުގައި ޝާއިޢުކޮށް ދައުރުކުރުމަކީ އެމްއެފްޑީއޭގެ ކާބޯތަކެތި އިޝްތިހާރުކުރުމާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން އިޝްތިހާރުކުރުން ކަމުގައި ބެލެވޭނެ ކަމަށް އެމްއެފްޑީއޭއިން ބުނެފައި ވެއެވެ.
އަދި ޞިއްޙަތަށް ވަކި ފައިދާއެއް ކުރާނެކަމަށް ނުވަތަ އެކިއެކި ބަލިބަލީގެ ފަރުވާއަށްރަނގަޅުވާނެކަމަށް ދޭހަވާގޮތަށް ކާބޯތަކެތި އިޝްތިހާރުކުރުމަކީ މަނާކަމެއްކަމަށެވެ.ކާބޯތަކެއްޗަކ،ީ ވަކި ފެންވަރެއްގެ ނުވަތަ ވަކި ޚާއްސަ ސިފައެއްގެ އެއްޗެއްކަމަށް ދޭހަވާގޮތަށް ޙަޤީޤަތާ ޚިލާފަށް ނުވަތަ ޙަޤީޤަތް އޮޅޭނެ ފަދަ ގޮތަކަށް އިޝްތިހާރު ކުރުމަކީވެސް މި ގަވާއިދު ގެ ދަށުން މަނާކަމެއްކަމަށާއި، އެހެންކަމުން ކާބޯތަކެތި އިޝްތިހާރުކުރުމާބެހޭ ގަވާއިދާ އެއްގޮތަށް ކާބޯތަކެތި އިޝްތިހާރުކުރުމަށް އެ އޮތޯރިޓީން ވަނީ އަންގާފައެވެ.
މީގެ އިތުރުން ސާބިތުނުހިފޭ މައުލޫމާތު ހިމެނޭ ކާބޯތަކެތި ބޭނުންކުރުމުގެ ބަދަލުގައި ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް މިންހެޔޮކޮށް ކެއުމާއި، ކެއުމުގައި ލޮނާއި ހަކުރު މަދުކުރުމާއި، އާދަވެ ކަސްރަތުކުރުމަށްވެސް އެމްއެފްޑީއޭއިން އިލްތިމާސްކުރެއްވިއެވެ

.jpg&w=256&q=75)
