ރައްޔިތުންނަށް ބާރުތަކާއި މިނިވަންކަން ލިބިދިން ޤާނޫނުތައް ބަދަލުކޮށްފައި، ރައްޔިތުން ޤާނޫނާ ހިލާފު ނުވާން ބުނުމަކީ، ހައްގުތަކަށް ގޮންޖެހުން ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަ ކުރަމުން އަންނަ ރާއްޖޭގެ 58 ވަނަ ޖުމްހޫރީ ދުވަހުގެ ހެޔޮއެދުން ފޮނުއްވައި ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ ވިދާޅުވީ ރައްޔިތުން ބާރުވެރިކުރުވަން ފަރުމާކޮށްފައި އޮތް ގާނޫނުއަސާސީއެއް ލިބިދީފައި އޮވެމެ، ރައްޔިތުންގެ ހައްޤުތައް ހަނިކޮށް، އަސާސީން ލިބިދިން ބާރުތައް ހަނިކޮށް ނައްތާލުމުގެ މަސައްކަތް ކުރަމުންދާކަން މިއަދު ރައްޔިތުންނަށް އިޙްސާސްކުރެވޭކަމީ، ހިތާމަކުރައްވާ ކަމެއް ކަމަށް ވިދާޅުވި އެވެ.
"ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން. އަދި އެ ބާރުތައް ދެމި އޮންނަން ޖެހޭނީ ވެސް ރައްޔިތުންގެ އަތުގައި ކަމަށް ގާނޫނުއަސާސީގައި ސާފު ބަހުން ލިޔެފައި އޮއްވާމެ ޤާނޫނުތަކުން ރައްޔިތުންގެ ހައްގުތަކާ މިނިވަންކަން ހަނިކޮށް މިނިވަންކަމުގެ ފިޔަކޮށައި، އަޅުވެތިކުރުމަކީ ،ބަލައިގަނެވޭނެ ކަމެއް ނޫން،" ފައިސަލް ވިދާޅުވި އެވެ. "މިއީ ޤާނޫނު އަސާސީން ކަށަވަރުކުރި ހައްޤުތައް ރައްޔިތުން ދިފާޢުކުރަންވީ ވަގުތު."
އޭނަ ވިދާޅުވީ ރާއްޖޭގެ ޝަރުއީ ނިޒާމަކީ ވެސް، ރައްޔިތުންގެ މަޖިލީހަކީ ވެސް، އަދި ވެރިކަން ހިންގުމުގެ ބާރަކީ ވެސް، ވެރިކަން ކުރަން ހުންނަ މީހާގެ މިލްކެއް ނޫން ކަމަށެވެ.
"އެއީ އެ މީހަކު އެ ބާރުތައް ނަގަހައްޓާ، ދަމަހަށްޓަން ޖެހޭ އަމާނާތެއް،" ފައިސަލް ވިދާޅުވި އެވެ. "އަޅުގަނޑު ގޮވާލަނީ ޤާނޫނުއަސާސީގެ ކޯޓުން ބޭރު ނުވެ، ގާނޫނީ ހުކޫމާތް މި ޤައުމުގައި ހިންގަން. މާތް ﷲ މި ގައުމުގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި ފާގަތިކަން މިންވަރު ކުރަށްވާށި."

