މި އަހަރުގެ ޖެނުއަރީ އެކަކުން ޖޫން 30 ގެ ނިޔަލަށް މާލެއާއި ސިނަމާލެ ބްރިޖާއި ހައިވޭގައި 1،355 އެކްސިޑެންޓް ހިނގައި އެ ހާދިސާތަކުގައި ދެ މީހެއްގެ ފުރާނަ ގެއްލިފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 7.49 އެކްސިޑެންޓެވެ. މި މުއްދަތުގެ ތެރޭގައި ރެކޯޑުކުރެވިފައިވާ އެކްސިޑެންޓްތަކުގެ ބޮޑު އިންސައްތައެއް، ނުވަތަ ކޮންމެ ފަސް އެކްސިޑެންޓަކުން ހަތަރަކަށްވުރެ ގިނަ އެކްސިޑެންޓް ހިނގާފައިވަނީ މާލޭގައެވެ. އަދި ހަމައެހެންމެ، އެކްސިޑެންޓްތަކުގެ ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި ހިނގާފައިވަނީ ދުވާލުގެ ވަގުތުތަކުގައެވެ.
ސަރަޙައްދީ ގޮތުން ބަލާއިރު ޖުމްލައިގެ 83.25 އިންސައްތަ އެއީ 1128 އެކްސިޑެންޓް ހިނގާފައިވަނީ މާލޭގެ މަގުތަކުގައެވެ. ބްރިޖާއި ހައިވޭ ސަރަޙައްދުގައި ރެކޯޑުކުރެވިފައިވަނީ 227 އެކްސިޑެންޓެވެ. ވަގުތަށް ބަލާ ނަމަ 901 ހާދިސާ، 66.49 އިންސައްތަ ހިނގާފައިވަނީ ދުވާލުގެ ވަގުތުތަކުގައެވެ. ރޭގަނޑު ހިނގާފައިވަނީ 454 އެކްސިޑެންޓެވެ.
މަސް މަހަށް ބަލާ ނަމަ އެންމެ ގިނައިން ހާދިސާ ރެކޯޑުކުރެވުނީ ޖެނުއަރީގައެވެ. އެ މަހު 253 އެކްސިޑެންޓް ހިނގިއިރު އެންމެ ދަށް ޢަދަދެއް ފެނުނީ ފެބްރުއަރީގައެވެ. ފެބްރުއަރީގައި ހިނގީ 191 އެކްސިޑެންޓެވެ. މާރިޗުގައި އެ ޢަދަދު 236 އަށް އެރިއިރު އެޕްރީލްގައި 232 އަދި މެއިގައި 238 އެކްސިޑެންޓް ރެކޯޑުކުރެވުނެވެ. ޖޫން މަހު 205 އެކްސިޑެންޓް ހިނގައި ޖެނުއަރީއާ އަޅާބަލާއިރު 18.97 އިންސައްތައިގެ ދަށްވުމެއް ފެނިފައިވެއެވެ.
އަނިޔާގެ ގޮތުން ބަލާއިރު 1322 މައްސަލައެއްގައި ކުދި އަނިޔާ ލިބިފައިވާ ކަމަށް ގިންތިކުރެވިފައިވެއެވެ. ސީރިއަސް އަނިޔާގެ ގޮތުގައި ގިންތިކުރެވިފައިވަނީ 31 މައްސަލައެކެވެ.
މި ހާދިސާތަކުގައި ޖުމްލަ 1482 އުޅަނދަކަށް ގެއްލުން ލިބިފައިވާއިރު އިންޝުއަރެންސް މެދުވެރިކޮށް ބަދަލުގެ ގޮތުގައި ޖުމްލަ 3284622 ރުފިޔާ ދީފައިވެއެވެ. އެއީ ކޮންމެ އެކްސިޑެންޓް މައްސަލައަކަށް ބަލާ ނަމަ އެވްރެޖްކޮށް 2424.07 ރުފިޔާއެވެ.

