logo

މިފްކޯ މަސްފިހާރަތަކުން ހުކުރު ދުވަހުވެސް ހިދުމަތްދެނީ

އާމިނަތު މޫސާ
ގަޑިއިރެއް ކުރިން

މިފްކޯ މަސްފިހާރަތަކުން ހުކުރު ދުވަހުވެސް ޚިދުމަތްދޭ ގޮތަށް ނިންމައި ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.

މިފްކޯއިން ބުނީ، އެކުންފުނީގެ މަސްފިހާރައިގެ ވިޔަފާރި ފުޅާކޮށް، ކަސްޓަމަރުންނަށް ދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން މިއަދުން ފެށިގެން ކުންފުނީގެ ރީޓެއިލް ފިހާރަތައް ހުކުރު ދުވަހުވެސް ހުޅުވާ ގޮތަށް ނިންމައި، ވިޔަފާރިކުރާ ގަޑިތަކަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ހުކުރު ދުވަހުގެ ހެނދުނު 8:30 އިން 10:30 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށް ފިހާރަތައް ހުޅުވާފައި ހުންނާނެ ކަމަށާއި ހަފުތާގެ އެހެން ދުވަސްތަކުގައި ނަމާދު ގަޑިތައް ފިޔަވައި ހެނދުނު 8:30 އިން ރޭގަނޑު 11:00 އަށް ފިހާރަތައް ހުޅުވާފައި ހުންނާނެ ކަމަށް މިފްކޯއިން ބުނެއެވެ. އެހެން ކަމުން މާލެއާއި ހުޅުމާލޭގައި ގާއިމުކޮށްފައިވާ މިފްކޯގެ މަސްފިހާރަތަކާއި އައްޑޫ މަސްފިހާރައިން މިއަދުން ފެށިގެން މިބަދަލާ އެއްގޮތަށް ހިދުމަތް ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މިފްކޯއިން ބުނީ، މިގޮތަށް ނިންމާފައިވަނީ ހުކުރު ދުވަހަކީ ޢާއިލީ ބައްދަލުވުންތަކާއި މެންދުރުގެ ޚާއްސަ ކެއުންތަކަށް ދިވެހިން ޚާއްސަ އިސްކަމެއްދޭ ދުވަހަކަށްވެފައި، އެ ވަގުތުތަކަށް ބޭނުންވާ ތާޒާ މަހުގެ ބާވަތްތައް ފަސޭހަކަމާއެކު އާންމުންނަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކަމަށެވެ. އަދި ކޮންމެ ހުކުރު ދުވަހަކަށް ޚާއްސަ ކޮށްގެން ތަފާތު ބާވަތްތަކުގެ އުފެއްދުންތައް ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ ކަމަށް މިފްކޯއިން ބުނެއެވެ.

ހުކުރު ދުވަހަކީ ގިނަ ބަޔަކު މަސް ގަންނަން ބޭނުންވާ ދުވަހަކަށްވުމާއި އެކު މިއީ ކަސްޓަމަރުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއްގެ ގޮތުގައި އެކުންފުނިން ބުނެއެވެ. މި ބަދަލުގެ ސަބަބުން ރަސްމީ ދުވަސްތަކުގައި ވަޒީފާގައި އުޅޭ މީހުންނަށް، ހަފުތާ ބަންދުގައި ގެއަށް ބޭނުންވާ މަހާއި މިފްކޯގެ އެހެނިހެން އުފެއްދުންތައް ގަތުމަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.

މިފްކޯއިން ބުނީ، މި ބަދަލު ގެނެސްފައިވަނީ މާލެ ސަރަހައްދަށް ބޭނުންވާ މަހުގެ އުފެއްދުންތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ކަނޑުއޮތްގިރީގެ އޮޕަރޭޝަންތައް އަލުން ފަށައި، ދާދިފަހުން އެރަށުގައި ހިކިމަސް ފެކްޓްރީއަކާއި އައިސް ޕްލާންޓެއް ހުޅުވައި ޚިދުމަތް ދޭން ފަށާފައިވާ ދަނޑިވަޅެއްގައި ކަމަށެވެ. އަދި މި މަޝްރޫޢުތަކާއެކު މިފްކޯގެ އުފެއްދުންތެރިކަން އިތުރުވެ، ކަސްޓަމަރުންގެ ޑިމާންޑާ އެއްވަރަށް ޚިދުމަތް ދިނުމުގެ ޤާބިލުކަން މިހާރު އިތުރުވެފައިވާ ކަމަށްވެސް މިފްކޯއިން ބުނެއެވެ.

ad