logo

އަހަރުގެ 6 މަސްދުވަހު ބޭރުފައިސާއިން ދައުލަތަށް ލިބުނު އާމްދަނީ 9.7 އިންސައްތަ އިތުރު

އާމިނަތު މޫސާ
20 ގަޑިއިރު ކުރިން

މި އަހަރުގެ ފުރަތަމަ ހަ މަހުގައި ޑޮލަރުން ދައުލަތަށް ލިބުނު އާމްދަނީ ނިމުނު އަހަރުގެ އެ މުއްދަތުގައި ލިބުނު ޑޮލަރުގެ އާމްދަނީއާ އަޅާބަލާއިރު 9.7 އިންސައްތަ އިތުރުވެފައިވާކަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ހިސާބުތަކުން ދައްކައިފިއެވެ.

މީރާއިން މަހަކު އެއްފަހަރު އާއްމުކުރާ ހިސާބުތަކަށް ބަލާއިރު 2025 ވަނަ އަހަރުގެ ފުރަތަމަ ހަ މަހު ޑޮލަރުން ޖުމްލަ 791.4 މިލިއަން ޑޮލަރު ލިބުނެވެ. މި އަހަރުގެ އެ މުއްދަތުގައި 867.9 މިލިއަން ޑޮލަރު ލިބިފައިވެއެވެ. އެއީ 9.7 އިންސައްތާގެ އިތުރުވުމެކެވެ.

ޑޮލަރުގެ އާމްދަނީ ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީއާ ކައިރިކުރާ މިންވަަރަކަށް 2026 ގައި އަންނަނީ އިތުރުވަމުންނެވެ. ޖޫން މަހުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ އާމްދަނީ ނިމުނު އަހަރުގެ ޖޫން މަހުގެ ނިޔަލަށް ލިބުނު އާމްދަނީއާ އަޅާބަލާއިރު 10.1 އިންސައްތަ އިތުރުވެފައިވެއެވެ.

ޓެކުހުގެ ގޮތުގައި ޖުމްލަ 609.1 މިލިއަން ޑޮލަރު 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ލިބުނުއިރު މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޓެކުހުގެ ގޮތުގައި ލިބުނު ޑޮލަރުގެ އަދަދު 9.6 އިންސައްތަ އިތުރުވެ، 667.8 މިލިއަން ޑޮލަރަށް އަރާފައިވެއެވެ.

ވަކިވަކި ޓެކުސްތަކަށް ބަލައިރު ޑިޕާޗާ ޓެކުހުގެ ގޮތުގައި 2025 ވަނަ އަހަރު 59.1 މިލިއަން ޑޮލަރު ލިބުނުއިރު މި އަހަރު އެ އަދަދުވަނީ 69.1 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. އެއީ 17 އިންސައްތައިގެ އިތުރުވުމެކެވެ. އާމްދަނީ ޓެކުހުގެ ގޮތުގައި ނިމުނު އަހަރު 77.1 މިލިއަން ޑޮލަރު ލިބުނުއިރު މި އަހަރު އެ އަދަދުވަނީ 88.1 މިލިއަން ޑޮލަރަށް އިތުރުވެފައެވެ.

ކުންފުނިތަކުގެ އާމްދަނީގެ ޓެކުހުގެ ގޮތުގައި މި އަހަރު ލިބުނު 31.4 މިލިއަން ޑޮލަރަކީ ނިމުނު އަހަރު ކުންފުނިތަކުގެ އާމްދަނީގެ ޓެކުހުގެ ގޮތުގައި ލިބުނު އަދަދަށްވުރެ 8.4 އިންސައްތަ އިތުރު އަދަދެކެވެ. އަދި ނޮން-ރެޒިޓެންޓް ވިތުހޯލްޑިން ޓެކުހުގެ ގޮތުގައި ލިބުނު އަދަދު 9.9 އިންސައްތަ އިތުރުވިއިރު ފަރުދުންގެ އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި ލިބުނު ޑޮލަރު 19.8 އިންސައްތަ އިތުރުވެފައިވެއެވެ.

ގްރީން ޓެކުހުގެ ގޮތުގައި 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް 73.1 މިލިއަން ޑޮލަރު ލިބުނުއިރު މި އަހަރު 79.1 މިލިއަން ޑޮލަރު ލިބުނެވެ. އެއީ 8.2 އިންސައްތައިގެ އިތުރުވުމެކެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތުގެ ޓެކުހުގެ ގޮތުގައި ނިމުނު އަހަރުގެ އެ މުއްދަތުގައި 399.7 މިލިއަން ޑޮލަރު ލިބުނުއިރު މި އަހަރު އެ އަދަދުވަނީ 431.4 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. އެއީ 7.9 އިންސައްތައިގެ އިތުރުވުމެކެވެ.

ޓެކުސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީއަށް ބަލާއިރު ޖޫން މަހުގެ ނިޔަލަށް 200.1 މިލިއަން ޑޮލަރު މި އަހަރު ލިބިފައިވާއިރު 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ޓެކުސް ނޫން ގޮތްގޮތުން ލިބުނީ 182.3 މިލިއަން ޑޮލަރެވެ. އެހެންކަމުން ޓެކުސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ 2026 ގެ ފުރަތަމަ ހަ މަހު 9.8 އިންސައްތަ އިތުރުވެފައިވެއެވެ.

އެއާޕޯޓު ޑިވެލޮޕްމެންޓު ފީގެ ގޮތުގައި މި އަހަރު 69.9 މިލިއަން ޑޮލަރު ލިބުނުއިރު އެއީ ނިމުނު އަހަރުގެ ޖޫން މަހުގެ ނިޔަލަށް ލިބުނު 59.2 މިލިއަން ޑޮލަރާ އަޅާބަލާއިރު 18 އިންސައްތަ އިތުރު އަދަދެކެވެ. ޓޫރިޒަމް ބިންތަކުގެ ކުލީގެ ގޮތުގައި މި އަހަރު އަދި ނިމުނު އަހަރުވެސް ލިބުނީ 65.4 މިލިއަން ޑޮލަރެވެ.

ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރާ ބިންތަކުގެ އެކުޒިޝަން އަދި ކޮންވާޝަން ފީގެ ގޮތުގައި 2025 ގައި 6.6 މިލިއަން ޑޮލަރު ލިބުނުއިރު މި އަހަރު އެ އަދަދވަނީ 39.8 މިލިއަން ޑޮލަރަށް އިތުރުވެފައެވެ.

ad