logo

ތިލަމާލެ ބްރިޖު: ވިލިމާލެއާއި ގުޅިފަޅު ގުޅުވާލައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
ދުވަހެއް ކުރިން

ތިލަމާލެ ބްރިޖު މަޝްރޫއު ދަށުން ވިލިމާލެއާއި ގުޅިފަޅު ގުޅުވައިދޭ އެންމެ ފަހު ސެގްމެންޓް ލޯންޗުކޮށް، އެ ދެ ރަށް ބްރިޖުން އެއްކޮށް ގުޅުވާލައިފިއެވެ.

މިއީ މުޅި ބްރިޖު މަޝްރޫއަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ.

ތިލަމާލެ ބްރިޖު މަޝްރޫޢުގެ ދަށުން ވިލިމާލެއާއި ގުޅިފަޅު ގުޅުވައިދޭ އެންމެ ފަހު ސެގްމަންޓް (ބްރިޖް ޑެކް) ރޭގެ ވަގުތެއްގައި ވަނީ ކާމިޔާބުކަމާއެކު ހަރުކޮށް، ދެ ރަށް ސުޓްރަކްޗަރަލްކޮށް ގުޅާލައިފައެވެ

މި މަޝްރޫއު ހިންގުމަށް އިންޑިއާގެ އެގްޒިމް ބެންކުން ވަނީ ލައިން އޮފް ކްރެޑިޓްގެ ދަށުން 400 މިލިއަން ޑޮލަރުގެ ލޯނެއް ދޫކޮށްފައެވެ. މީގެ އިތުރުން އިންޑިއާ ސަރުކާރުން ވަނީ މި މަޝްރޫއަށް 100 މިލިއަން ޑޮލަރުގެ ހިލޭ އެހީވެސް ފޯރުކޮށްދީފައެވެ

މާލެއާއި ވިލިމާލެ ބްރިޖުން ގުޅާލާފައިވަނީ މީގެ ދެ މަސް ކުރިން، 22 އޯގަސްޓު 2026 ގައެވެ

ވިލިމާލެ އަދި ގުޅިފަޅު ގުޅާލުމާއެކު، މުޅި މަޝްރޫޢުގެ 80 އިންސައްތައަށްވުރެ ބޮޑުބައި މިހާރު ވަނީ ނިމިފައެވެ.

ދެން އެންމެ އަވަހަށް ކުރިއަށްދާނީ ގުޅިފަޅާއި ތިލަފުށި ގުޅާލުމުގެ 0.5 ކިލޯމީޓަރުގެ ސެގްމަންޓުގެ މަސައްކަތެވެ.

ބްރިޖުގެ ސުޕަރސްޓްރަކްޗާ ގުޅާލެވުނު ނަމަވެސް، ޓްރެފިކަށް ހުޅުވާލުމުގެ ކުރިން ތާރު އެޅުމާއި، ބައްތި ހަރުކުރުމާއި، އަދި ސޭފްޓީގެ އެހެނިހެން މަސައްކަތްތައް ކުރަންޖެހެއެވެ.

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބު ވަނީ މި ކާމިޔާބީ ފާހަގަކުރައްވައި، މަޝްރޫޢުގެ ކޮންޓްރެކްޓަރ ކަމަށްވާ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗަރ އަށާއި އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ..

ad