2026 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން އިންތިޒާމުކުރާ ކެއްކުމުގެ މުބާރާތް "ރަހަވަރު" މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި މުބާރާތަކީ ރާއްޖޭގެ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި މަސްވެރިކަމުގެ ދާއިރާއިން އަދާކުރާ މުހިންމު ދައުރު ފާހަގަކުރުމުގެ މަގްސަދުގައި ބާއްވާ މުބާރާތެކެވެ.
މީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން މަސްވެރިކަމުގެ އުކުޅުތަކަށާއި ކަނޑުމަހުގެ ކާނާގެ ބާވަތްތަކަށް އައު އީޖާދުތަކާއި ސިންދަފާތުކަން ގެނައުމުގެ މުހިންމުކަމަށް އަލިއަޅުވާލުންވުމުގެ ބޭނުމުގައި ކުރިޔަށް ގެންދާ މުބާރާތެކެވެ.
ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި ވޭތުވެދިޔަ އަހަރުތަކެކޭ އެއްފަދައިން، މިއަހަރުގެ މުބާރާތަކީވެސް ޒުވާނުންނާއި ކެއްކުމަށް ޝައުގުވެރިވާ އާންމު ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ މުބާރާތެއް ކަމަށެވެ.
މިއީ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށާއި، ކަނޑުމަހުގެ ބާވަތްތައް ބޭނުންކޮށްގެން އައު ރެސިޕީތައް ތައާރަފުކުރުމަށް ހިތްވަރު ދިނުމަށް ހުޅުވާލެވޭ ފުރުސަތެއް ކަމަށް ވެސް އެ މިނިސްޓްރީން ހާމަކުރެއެވެ.
މި މުބާރާތުގައި ބައިވެރިވެވޭނީ 2 ނުވަތަ 3 މެންބަރުންގެ މައްޗަށް އެކުލެވޭ ޓީމުތަކަކަށެވެ. އަދި މި މުބާރާތުގައި ބައިވެރި ވުމަށް ފުރުސަތު ލިބިގެންދާނީ ފޯމު ހުށަހަޅާ ތަރުތީބުން ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މި މުބަރާތުގައި ބައިވެރި ވުމަށް އެދޭ ފަރާތްތަކުން ބައިވެރިވުމަށް އެދޭ ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 19 ނޮވެމްބަރު 2026 ގެ މެންދުރުފަހު 14:00 އެވެ.
މީގެ އިތުރުން މިމުބާރާތާ ގުޅޭ އިތުރު މަޢުލޫމާތާއި މުބާރާތުގެ ޤަވާއިދު ފިޝަރީޒް މިނިސްޓްރީން މިހާރު ގެޒެޓް ކުރެވިފައިވާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

