logo

ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތަށް ކިޔާނެ ނަމެއް ހޯދަނީ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
12 ގަޑިއިރު ކުރިން

ސަރުކާރުން ނިންމަވާފައިވާ، ދިވެހިރާއްޖޭގެ އެންމެ ބޮޑު މިސްކިތަށް ކިޔާނެ މުނާސަބު ނަމެއް ހުށަހެޅުމުގެ ފުރުސަތު އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން އާންމުންނަށް ހުޅުވާލައްވައިފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ ދުވަހު ރާއްޖޭގައި މިހާތަނަށް ބިނާ ކުރާ އެންމެ ބޮޑު މިސްކިތުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވ.

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރެނީ އަންނަ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ.

ސޯޝަލް މީޑީއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ޝަހީމް ވިދާޅުވީ ހުޅުމާލޭގެ ބޮޑު މިސްކިތް ވާނީ ރާއްޖޭގެ އިސްލާމީ ޙަޟާރަތުގެ މުއްސަނދި ތާރީހާއި ފަރުމާވެރިކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ރަމްޒުކޮށްދޭނެ ބިނާއަކަށް ކަމަށެވެ. އަދި މި މިސްކިތް ވާނީ އީމާންކަމާއި އިލްމާއި ވަހުދަތު ފަތުރައިދޭ މުހިންމު މަރުކަޒަކަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.ސަރުކާރުން ދަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި އެ މިސްކިތުގެ ބިންގާ އެޅުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރުމަށް ކަމަށް ވެސް ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ. އެ މިސްކިތް ވާނީ ރާއްޖޭގެ 900 އަހަރުވީ އިސްލާމީ ތާރީހާއި އިމާންތެރިކަމާއި އިލްމާއި ހިދުމަތް އަންނަން އޮތް ޖީލުތަކަށް ވާސިލުކޮށްދޭ ތަރިކައަކަށް ކަމުގައިވެސް ވަޒީރު ވިދާޅުވިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވައްސާއި ތިން ވަނަ ފިޔަވައްސާ ދެމެދު އިމާރާތްކުރާ މިސްކިތް މަޝްރޫއުގެ އިއުލާން ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަހަރު އިއްވެވި ރިޔާސީ ބަޔާނުގައި ކަމަށްވީ އިރު، އެ މިސްކިތް އެޅުމަށް ހަމަޖެހިފައިވާ ބިން، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީ އިން މިހާރު ވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ހަވާލުކޮށްފައެވެ.

މި މިސްކިތަކީ ރާއްޖޭގައި މިހާތަނަށް ބިނަ ކުރާ އެންމެ ބޮޑު މިސްކިތް ކަމަށްވާ އިރު، މި މިސްކިތުގައި ގާތްގަނޑަކަށް 10,000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މީގެ ކުރިން ވަނީ ބުނެފަ އެވެ. އަދި މި މިސްކިތް ކޮމްޕްލެކްސްގައި ނަމާދު ކުރާނެ ޖާގައިގެ އިތުރުން ގުރުއާން މިއުޒިޔަމަކާއި އެހެނިހެން މުހިންމުކަންކަންވެސް ހިމެނެ އެވެ.

މި މިސްކިތުގެ މަޝްރޫއުއަށް ފައިނޭންސް ކުރުމަށް ސައުދީ އަރަބިއްޔާގެ އަލްރަޖްހީ ކުންފުންޏާއެކު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.

ad