ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް ހުށަހެޅުމުގެ ފުރުސަތު މިރޭގެ ނިޔަލަށް ހަމަވާނެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މި ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް ފޯމް ހުށަހެޅުމަށް ފުރަތަމަ ހުޅުވާލީ މި އަހަރުގެ ޖެނުއަރީ މަހުގައެވެ. ފުރަތަމަ ހުޅުވާލިއިރު މިސްކީމްގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވާން އޮތީ މާރިޗު މަހުގެ 4ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ފެލްޓަށް އެދި ހުށަހެޅޭނީ އޭޕްރީލް މަހުގެ 17ވަނަ ދުވަހުގެ ނިޔަލަށެވެ. އެ ވުޒާރާއިން ވަނީ އާންމުންނަށް އިތުރު ފުރުސަތު ދިނުމުގެ ގޮތުން މިރޭގެ 23:59 އާ ހަމައަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އިތުރުކޮށްދީފައެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ މުއްދަތު އިތުރުކޮށްފައިވަނީ ޚާއްސަ ހާލަތަކާއެކުގައިކަމަށެވެ. އެގޮތުން މިހާރު އިތުރުކޮށްފައިވާ މުއްދަތު ހަމަވުމުން އިތުރަށް މުއްދަތު އިތުރު ނުކުރާނެކަމަށް ވިދާޅުވިއެވެ. އެގޮތުން ހުރިހާ ފަރާތްތަކަކުންވެސް ފޯމު ހުށަހެޅުމުގެ ކުރިން ފޯމު ފުރިހަމަކޮށްފައިވަނީ އެޕްލިކޭޝަން ހުށަހަޅަން އެދޭ ސްކީމަށްތޯއާއި، ލިޔެކިއުންތަކާއި މައުލޫމާތުތައް ފުރިހަމަކުރެވިފައިވަނީ ރަނގަޅަށްތޯ ކަށަވަރު ކުރުމަށްފަހު، ފޯމު ހުށަހެޅުމަށް ސަމާލުވުމަށް ވެސް އެދިފައެވެ.
ފްލެޓުތައް ދިނުމުގައި 15 ކެޓަގަރީއެއް ވަނީ ކަނޑައަޅައިފައެވެ. މި 15 ކެޓަގަރީގެ އިތުރުން މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓު އަދި މާލޭގައި ރަށްވެހިފައިނުވާ، މާލޭގައި ދިރިއުޅޭ ފަރާތްތަކަށް 1،500 ފްލެޓު ކަނޑައަޅާފައިވެއެވެ.
މި ސްކީމުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މާލެ ސަރަޙައްދުން 7,900 ފްލެޓް ދޫކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ފްލެޓް ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ވަނީ ކަނޑައަޅާފައެވެ.
ގޯތި ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި، އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި ހިމެނެއެވެ. މީގެ އިތުރުން މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގޯތިތަކާއި ލާޖައްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1,500 ގޯތި ވަނީ ޚާއްޞަކޮށްފައެވެ. އަދި ކުރީގެ ސްކީމަކުން 1 ނުވަތަ 2 ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން ދަރިން ތިބި މިންވަރަށް ބަލައި، ވަކި ޝަރުތުތަކަކާއެކު 3 ކޮޓަރީގެ ފްލެޓަށް އެދި ހުށައެޅުމުގެ ފުރުޞަތު މިސްކީމުގެ ދަށުން ލިބިގެންދާނެއެވެ.
ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ ސްކީމްތަކުގެ ތެރެއިން ހުޅުމާލެއާއި ވިލިމާލޭގައި ބީއެމްއެލްއިން އަޅާ ފްލެޓްތަކުގެ ބިންގާ ވަނީ އަޅާފައެވެ. އަގުހެޔޮކޮށް ފްލެޓު ގަންނަން ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށްގެން ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ފްލެޓްތައް ތަރައްޤީކުރާނެ ބަޔަކު ހޯދުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.

