logo

ނުރައްކާތެރި ކެމިކަލާއި ކުނި މެނޭޖްކުރުމާ ގުޅޭ ސިޔާސަތުތަކަށް މަޝްވަރާކުރުމަށް ބައްދަލުވުމެއް ބާއްވައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
7 ގަޑިއިރު ކުރިން

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީން ކުރިއަށްގެންދާ "އެލިމިނޭޓިންގ ޕަރސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް" މަޝްރޫޢުގެ ދަށުން، ނުރައްކާތެރި ކެމިކަލާއި ކުނި މެނޭޖްކުރުމާ ގުޅޭ ސިޔާސަތުތަކާ ބެހޭ މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

ހޮޓެލް ޖެންގައި ކުރިއަށްދިޔަ އެ ބައްދަލުވުމަކީ "ޕޮލިސީ ޑައިލޮގް އޮން ހެޒަޑަސް ކެމިކަލްސް އެންޑް ވޭސްޓް މެނޭޖްމަންޓް" ގެ ނަމުގައި ބޭއްވުނު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ދައުލަތުގެ ކަމާގުޅޭ މުއައްސަސާތަކާއި އެކި ދާއިރާތަކުގެ އިސް ފަރާތްތަކުން ބައިވެރިވެ، ނުރައްކާތެރި ކެމިކަލް މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

އެ ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ކެމިކަލް ރާއްޖެއަށް އެތެރެކުރުމުން ފެށިގެން، އެ ތަކެތި ރައްކާކުރުމާއި، ބޭނުންކުރުމާއި، އެއްތަނުން އަނެއްތަނަށް އުފުލުމާއި، މޮނިޓަރ ކުރުމުގެ އިތުރުން ރައްކާތެރިކަމާއެކު ނައްތާލުމާ ހަމައަށް ހުރިހާ މަރުހަލާއެއްގައި އަމަލުކުރާނެ ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުމެވެ.

މީގެ އިތުރުން، މި ދާއިރާއިން މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ސިޔާސަތުތަކާއި ގަވާއިދުތައް އެއްގޮތްކުރުމަށް ކުރަންޖެހޭ ކަންކަމާ ބެހޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފައެވެ. އަދި ފަންނީ ގާބިލުކަން އިތުރުކުރުމާއި، މަސައްކަތްތައް ބެލެހެއްޓުމަށް ބޭނުންވާ ޑޭޓާ ސިސްޓަމްތައް ތަރައްގީކުރުމުގެ މުހިންމުކަމުގެ މައްޗަށް ބައިވެރިން އަލިއަޅުވާލެއްވިއެވެ.

މި ބައްދަލުވުމުގެ ބައިވެރިން ވަނީ ނުރައްކާތެރި ކެމިކަލް މެނޭޖްކުރުމާ ގުޅޭގޮތުން މިހާރު ހުރި ގާނޫނީ އޮނިގަނޑުތައް މުރާޖާކޮށް، އެކަންކަން އިތުރަށް ހަރުދަނާކުރުމަށް އިސްކަންދޭންޖެހޭ ކަންކަން ފާހަގަކޮށްފައެވެ. މި މަސައްކަތުގެ އެންމެ ބޮޑު އެއް ބޭނުމަކީ ތިމާވެށި ރައްކާތެރިކުރުމާއި އާންމު ސިއްހަތަށް ކުރިމަތިވެދާނެ ނުރައްކާތަކުން ރައްކާތެރިވުމަށްޓަކައި ގައުމީ ފެންވަރުގައި ވަށާޖެހޭ، ކޯޑިނޭޓެޑް ނިޒާމެއް ގާއިމުކުރުމެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތިމާވެށި ރައްކާތެރިކުރުމަށް ދެއްވާ އަހަންމިއްޔަތުގެ ދަށުން، އެންވަޔަރަންމަންޓް މިނިސްޓްރީން ދަނީ މިފަދަ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ.

ad