logo

ނައިބު ރައީސް އދ.ގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައިފި

މުސްލިމާ ޙަސަން
13 ގަޑިއިރު ކުރިން

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވަވާފައިވަނީ، ނިއުޔޯކުގައި ކުރިއަށްދާ އެކުވެރި ދައުލަތްތަކުގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަނުގެ ހަވާސާގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، މޫސުމަށް އަންނަ ބަދަލުތަކަކީ ދިވެހިރާއްޖެއަށް ކޮންމެ ދުވަހަކުވެސް ތަޙައްމަލުކުރަންޖެހިފައިވާ ހަޤީޤަތެއް ކަމަށާއި، މިކަމުގެ ސަބަބުން ޤައުމުގެ ތަރައްޤީއަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް) އަށް ދިމާވެފައިވާ މައްސަލަތަކުގައި އދ. ގެ ސެކްރެޓަރީ ޖެނެރަލް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

މީގެއިތުރުން، އދ. ގެ ޢާންމު މަޖިލީހުގައި ރާއްޖެއިން އިސްކަންދޭ މުހިންމު ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، މޫސުމީ ވިލުންތެރިކަމާއި، ދަރަނީގެ ދެމެހެއްޓެނިވި ކަމާއި، ސިޑްސްގެ އެންޓިގުއާ އެންޑް ބާބިއުޑާ އެޖެންޑާ (އޭބީއޭއެސް) ތަންފީޛު ކުރުމާއި، ސިޑްސްއިން އިސްކަންދޭ ކަންކަމުގެ އިތުރުން އދ. އިޞްލާޙުކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ސެކްރެޓަރީ ޖެނެރަލް ވަނީ ދިވެހިރާއްޖެއާއެކު އޮތް އެއްބައިވަންތަކަން ހާމަކުރައްވައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ޚާއްޞަ ގޮތެއްގައި ފާހަގަކުރައްވާފައެވެ. އަދި ދުނިޔޭގެ ފެންވަރުގައި މޫސުމީ ހަރަކާތްތައް އިތުރަށް ހަރުދަނާކުރުމަށް އެއްބާރުލުން ދެއްވުމަށާއި، މިކަމުގެ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ރާއްޖެއާއެކު ގުޅިގެން މަސައްކަތްކުރުމުގައި އދ. އިން އެހީތެރިކަންދެއްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. މީގެއިތުރުން، ސަރަޙައްދީ ފެންވަރުގައި ކަންބޮޑުވުން އޮތް މައްސަލަތަކުގެ މައްޗަށާއި، ޚާއްޞަކޮށް ފަލަސްޠީނުގެ މިހާރުގެ ޙާލަތާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ad