logo

ހޯމް ސްކޫލިން ތައާރަފް ކުރާތީ ރައީސް ނަޝީދު ކަނބޮޑުވުން ފާޅުކޮށްފި

މަޒީ
8 ގަޑިއިރު ކުރިން

ޚާއްޞަ ޙާލަތްތަކެއް މެދުވެރިވާ ދަރިވަރުންނަށް ގޭގައި ތިބެގެން ކިޔެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ތަޢުލީމުގެ ޤާނޫނަށް އިޞްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ މެދު، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ދަރިވަރުން ސްކޫލަށް ހާޒިރުވެ، ތައުލީމު ހާސިލްކުރަން ނުކުޅެދިއްޖެ ހާލަތުގައި ގޭގައި ބައިތިއްބައިގެން އުނގަންނައިދިނުން ނުވަތަ ހޯމްސްކޫލިންއަށް ފަހިކޮށްދިނުމަށްޓަކައި ތައުލީމާ ބެހޭ ގާނޫނަށް ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން އިސްލާހެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމެވެ.

މި ބިލާ ގުޅޭގޮތުން "އެކްސް" ގައި ޙިއްޞާކުރެއްވި މެސެޖެއްގައި ރައީސް ނަޝީދު ވަނީ ރާއްޖޭގައި ހޯމް-ސްކޫލިންގއަށް ފުރުޞަތު ނުދިނުމަށް ގޮވާލައްވާފައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މިހާރުވެސް 4,000 އަށްވުރެ ގިނަ ކުދިން ޤަވާޢިދުން ސްކޫލަށް ޙާޟިރުނުވާ ކަމަށާއި، ހޯމްސްކޫލިންގެ ނަމުގައި ޒުވާން ޖީލު މަގުފުރައްދައި، ހަލާކު ކުރުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް ވިދާޅުވެ، ވަނީ ފާޑުވިދާޅުވެފައެވެ.

މި އަހަރުގެ ޖުލައި މަހު ޝަފީއު ވަނީ، އެއްވެސް ސަބަބެއް ނެތި ދަރިވަރުން ސްކޫލަށް ނުދިއުން ބަލައިނުގަނެވޭ ކަމަށާއި މިނިސްޓްރީން އެކަމަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެއްވައިފައެވެ.

ތައުލީމާ ބެހޭ ގާނޫނުގައި މިހާރު އޮންނަނީ ދަރިވަރުގެ ހާލަތު ހުންނަ ގޮތުން ސްކޫލަށް ހާޒިރުވުމަށް ނުކުޅެދޭ ކުދިންނަށް ގާނޫނުގެ ދަށުން ހަދާ ގަވައިދުގައިވާ ގޮތުގެ މަތިން އިސްތިސްނާއެއް ދިނުމުގެ އިޚްތިޔާރު މިނިސްޓަރަށް ލިބިގެންވާ ކަމަށެވެ.

އެ ގާނޫނުގައިވާ ގޮތުން އުމުރުން ހަތަރު އަހަރުން ފެށިގެން 16 އަހަރާ ދެމެދުގެ ކޮންމެ ކުއްޖަކަށް ތައުލީމު ލާޒިމްވާނެއެވެ.

ހަމަ އެހެންމެ އެ އުމުރުގެ ކޮންމެ ކުއްޖަކު، ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކަނޑައަޅާފައިވާ ޕްރީސްކޫލް ތައުލީމުން ފެށިގެން ސާނަވީ ތައުލީމުގެ ނިޔަލަށް ތައުލީމު ހާސިލުކުރުމަށް ސްކޫލަށް ފޮނުވައި، އެ ކުއްޖެއްގެ އުމުރަށް ކަނޑައެޅިފައިވާ ތައުލީމީ ނިޒާމުގެ މަރުޙަލާގައި ބައިވެރިކުރުން ބެލެނިވެރިޔާގެ މައްޗަށް ލާޒިމުވާނެ ކަމަށް ވެސް ގާނޫނުގައިވެއެވެ.

ހުށަހެޅިފައިވާ އިޞްލާޙުގައިވާ ގޮތުން، ހޯމް-ސްކޫލިންގ ޕްރޮގްރާމުގައި ބައިވެރިވެވޭނީ ކުއްޖާގެ ނުކުޅެދުންތެރިކަން ނުވަތަ ނަފްސާނީ ޙާލަތަށް ރިޢާޔަތްކޮށް ހަދާ ޚާއްޞަ އެސެސްމަންޓަކަށް ބިނާކޮށެވެ. މީގެ އިތުރުން، އެފަދަ ކުދިން އެއްވެސް ސްކޫލެއްގައި ރަޖިސްޓަރީވެފައި ތިބެންޖެހޭނެ ކަމަށާއި، ބެލެނިވެރިންނަކީ ގޭގައި ތަޢުލީމު ފޯރުކޮށްދިނުމުގެ މާލީ ޤާބިލުކަން ލިބިފައިވާ ފަރާތްތަކަކަށް ވާންޖެހޭނެ ކަމަށްވެސް އެ ބިލުގައި ބަޔާންކޮށްފައިވެއެވެ.

އެ މާއްދާގައި އެހެން އޮތް ނަމަވެސް ކުދިންގެ ނުކުޅެދުންތެރިކަމާ އެކަށޭނަ ގޮތަކަށް ކުދިންނަށް އުނގަންނައިދިނުމަށް ބެލެނިވެރިން މަސައްކަތްކުރަން ޖެހޭނެ ކަމަށް އަނާރާ ހުށަހެޅުއްވި އިސްލާހުގައި ވެއެވެ.

ހަމަ އެހެންމެ ކުއްޖާގެ ނުކުޅެދުންތެރިކަމުގެ ނިސްބަތަށް ބަލައި ސްކޫލަށް ކޮންމެހެން ގެންދަން ނުޖެހޭނެ ކަމަށް ކަނޑައެޅުމުގައި ރިއާޔަތްކުރާނެ މިންގަނޑުތަކެއް ތައުލީމާ ބެހޭ ގާނޫނުގެ ދަށުން އެކުލަވައިލަން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

ad