މި އަހަރު އުފެއްދުންތެރިކަމުގެ މައުރަޒު އެހެން އަހަރުތަކާ އަޅާބަލާއިރު ތަފާތުވާނެ ކަމަށާއި، ބޭރުގެ ފަރާތްތައް ހިމެނޭހެން 780 ފަރާތަކުން މިއަހަރުގެ މައުރަޒުގައި ބައިވެރިވާނެ ކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ ކުރީ އަހަރާ އަޅާބަލާއިރު މިއަހަރު އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވާ ފަރާތްތަކުގެ މިންވަރު ވަނީ 225 އިންސައްތަ އިތުރު ވެފައި ކަމަށެވެ. 2025 ވަނަ މި މައުރަޒުގައި ބައިވެރިވެފައިވަނީ 240 ފަރާތަކުންނެވެ.
އުފެއްދުންތެރިކަމުގެ މައުރަޒު 2026އަކީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީ އަދި އިޤްތިޞާދީ ވުޒާރާ ގުޅިގެން ކުރިއަށްގެންދާ މައުރަޒެކެވެ. މިމައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25އިން ނޮވެމްބަރު މަހުގެ 2ވަނަ ދުވަހާ ހަމައަށެވެ.
ސައީދު ވިދާޅުވީ، މިއަހަރުގެ މައުރަޒުގައި އެގްޒިބިޓްކުރާ އުފެއްދުންތައް ނުވަތަ ތަކެތީގެ އަދަދުވެސް ދެގުނަ ވެފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ މައުރަޒުގައި 2400 ތަކެތި ބައިވެރިކޮށްފައިވާއިރު، މިއަހަރުގެ މައުރަޒުގައި މިއަދަދު 4800އަށް އަރާ ކަމަށް ސަޢީދު ވިދާޅުވިއެވެ.
އެކި ސަރަހައްދުތަކަށް ބަހާލައިގެން މައުރަޒު ކުރިޔަށްގެންދާކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ މިދިޔަ އަހަރުގެ މައުރަޒު ފަސް ސަރަހައްދަކަށް ބަހާލައިގެން ކުރިޔަށް ގެންގޮސްފައިވާއިރު، މިއަހަރުގެ މައުރަޒު ހަތް ސަރަހައްދަކަށް ފުޅާކޮށްފައިވާ ކަމަށެވެ. އެގޮތުން އަލަށް އިތުރުކުރެވުނީ ވިޒިޓާ އިކޮނޮމީގެ ސަރަހައްދަކާއި، އިންޓަނޭޝަނަލް އެކްޒިބިޓަރުންނަށް ހާއްސަ ސަރަހައްދެކެވެ.
މީގެއިތުރުން، އިންޓަނޭޝަނަލް ޑިސްޓްރިކްޓުން ޗައިނާގެ 15 ވިޔަފާރިއަކާއި، އިންޑިއާގެ 15 ފަރާތެއް މިއަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވާ ކަމަށް ސައީދު ވިދާޅުވިއެވެ. ހަމައެއާއެކު ޔޫއޭއީގެ ފަރާތްތަކުން ބައިވެރިކުރުމުގެ މަސައްކަތް ކުރަމުންދާކަން ވެސް ވަނީ ހާމަކޮށްފައެވެ.
ސައީދު ވިދާޅުވީ، މިދިޔަ އަހަރުގެ މައުރަޒު 10 ދުވަހަށް ބޭއްވިގެންދިޔައިރު، ކޮންމެ ދުވަހަކުވެސް ގާތްގަނޑަކަށް 80،000އަށްވުރެ ގިނަ މީހުން ޒިޔާރާތްކުރި ކަމަށެވެ. އަދި އުމްމީދަކީ މިއަހަރު މިއަދަދު ދެގުނަ ވެގެންދިއުންކަން ފާހަގަކުރައްވާ، މިމައުރަޒު ވެގެންދާނީ ރާއްޖޭގެ ތާރީހުގައިވެސް ބޭއްވޭ އެންމެ ބޮޑު މައުރަޒަށް ވެގެން ދިއުންކަމަށް އިގުތިޞާދީ ތަރައްޤީއާ ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

