logo

ބޮލިދުއްފަރުގައި އިހުތިޖާޖުކުރި ބިދޭސީން ހިފެހެއްޓުމުން ޓްރާންސްޕޭރެންސީން ކަންބޮޑުވުން ފާޅުކޮށްފި

މަޒީ
6 ގަޑިއިރު ކުރިން

މުސާރަ ނުދޭތާ ހަ މަހަށް ވުރެ ގިނަ ދުވަސްވެއްޖެ ކަމަށް ބުނެ ކ. ބޮލިދުއްފަރުގައި އިހުތިޖާޖުކުރި ގިނަ އަދަދެއްގެ ބިދޭސީން މޯލްޑިވްސް އިމިގްރޭޝަނުން ހިފެހެއްޓުމާއި ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޓްރާންސްޕޭރެންސީން އިއްޔެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރިސޯޓެއް ތަރައްގީކުރަމުން އަންނަ ބޮލިދުއްފަރު ފަޅުގެ ކޮންސްޓްރަކްޝަން ސައިޓުގައި ކުރި އިހުތިޖާޖާ ގުޅިގެން ގާތްގަނޑަކަށް 21 ބިދޭސީ މަސައްކަތްތެރިއަކު އިމިގްރޭޝަން ޑިޓެންޝަން ސެންޓަރަށް ގެންގޮސްފައިވާ ކަމަށް ލިބޭ ރިޕޯޓްތަކާ މެދު ނުހަނު ކަންބޮޑުވާ ކަމަށެވެ.

މަސައްކަތްތެރިން ސުލްހަވެރި އިހުތިޖާޖެއްގައި ބައިވެރިވުމުގެ ސަބަބުން މަސައްކަތްތެރިން ބަންދުކުރުމަކީ އަސާސީ ހައްގުތަކަށް އުނިކަން އަންނަ ކަމެއް ކަމަށާއި މިއީ އެމީހުންގެ ހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކާ ދެކޮޅަށް ބަދަލުހިފުމުގެ ގޮތުން ފިޔަވަޅު އަޅާފާނެ ކަމުގެ ސީރިއަސް ކަންބޮޑުވުންތަކެއް އުފެދޭ ކަމެއް ކަމަށް ޓްރާންސްޕޭރެންސީން ވަނީ ބުނެފައެވެ.

ޓްރާންސްޕޭރެންސީން ބުނީ ރާއްޖޭގެ ގާނޫނުއަސާސީގެ ދަށުން، ރާއްޖޭގައި ވަޒީފާ އަދާކުރާ ކޮންމެ މީހަކަށް އަދި ހުރިހާ މަސައްކަތްތެރިންނަށް ވެސް އިހުތިޖާޖުކުރުމުގެ ގޮތުން މަސައްކަތް ހުއްޓާލުމާއި ހަޅުތާލުކުރުމުގެ މިނިވަންކަން ލިބިދީފައިވާ ކަމަށާއި މި ހައްގުތަކުގެ ބޭނުން ހިފުމުގެ ސަބަބުން މަސައްކަތްތެރިންނަށް ބިރުދައްކައި އެމީހުން ހައްޔަރުކޮށްގެން ވެސް ނުވާނެ ކަމަށެވެ.

މީގެ އިތުރުން ޓްރާންސްޕޭރެންސީން ވަނީ ސުލްހަވެރިކަމާ އެކު އިހުތިޖާޖުކުރުމުގެ ގާނޫނީ ހައްގުގެ ބޭނުން ހިފުމުގެ ސަބަބުން އެއްވެސް މަސައްކަތްތެރިއަކަށް އަދަބު ނުލިބޭނެކަން ކަށަވަރުކުރުމަށާއި އިމިގްރޭޝަނުން ބަންދުކޮށްފައިވާ މަސައްކަތްތެރިން ވަގުތުން ދޫކޮށްލައި، މި ހައްޔަރުކުރުންތަކުގައި އިންސާނީ ހައްގުތަކާ ހިލާފު އެއްވެސް ކަމެއް ހިނގާފައިވޭތޯ އެޗްއާރުސީއެމުން ބަލައި ތަހުގީގުކޮށް އަދި އިހުތިޖާޖުކުރަން މެދުވެރިވި މައްސަލަތައް ލޭބާ ރިލޭޝަންސް އޮތޯރިޓީން ވަގުތުން ތަހުގީގުކޮށް، މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެދިފައެވެ.

ބިދޭސީ މަސައްކަތްތެރިން އިހުތިޖާޖުކުރީ މުސާރަ ނުދޭތީ އާއި މަސައްކަތު މާހައުލުގެ ވެލްފެއާ ހާލަތު ވަރަށް ދަށް ކަމަށް ބުނެ އެވެ.

ބޮލިދުއްފަރު ފަޅުން 34 ހެކްޓަރުގެ ސަރަހައްދެއް ހިއްކައިގެން ރިސޯޓެއް ހަދަނީ ދުބާއީގެ ޑަމަކްސް ޕްރޮޕަޓީސް އިންނެވެ. ކޮންސްޓްރަކްޝަން މަސައްކަތް ހަވާލުކޮށްފައި ދިވެހި ކުންފުންޏަކާ އެވެ.

ad