އާންމުންނަށް އުނދަގޫކުރާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު، ފަރުވާއަށް ކ. ހިންމަފުށީގައި ހުންނަ ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) މަރުކަޒަށް ބަދަލުކޮށްފައި ހުރި މީހަކު އެތަނުން ފިލައިފިއެވެ.
މި މައްސަލައިގައި ފިލައިގެން ހޯދަމުން ދަނީ ހއ. ހޯރަފުށީ، ނޫވިލުގެ، އަހުމަދު ފައިރިޝް (43އ) އެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ބިރުދެއްކުމާއި، މުދަލަށް ގެއްލުން ދިނުމާއި، މާރާމާރީ ހިންގުމުގެ އިތުރުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ކުށުގެ ތުހުމަތުގައި މި އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހުއެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ފުލުހުންގެ ރަސްމީ ތަރުޖަމާނު، އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ފުލުހުންގެ ހައްޔަރުގައި ހުރި ފައިރިޝް ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކޮށް އެތަނުގެ ބެލުމުގެ ދަށުގައި ހުއްޓާ، މިއަދު މެންދުރުފަހުގެ ވަގުތެއްގައި ފިލާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ނަމަވެސް، އޭނާ އަނބުރާ ހޯދިފައިވާ ކަމެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ފައިރިޝްއަކީ މީގެ ކުރިންވެސް ކުށުގެ ރެކޯޑު އޮންނަ މީހެކެވެ. އެގޮތުން މީހަކަށް މަރުގެ އިންޒާރު ދިން މައްސަލައެއްގައި މިއަހަރުގެ ފެބްރުއަރީ މަހުވެސް އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. މީގެއިތުރުން، ފައިރިޝްއަކީ ނަފްސާނީ ނުވަތަ ސިކުނޑީގެ މައްސަލައެއް ހުންނަ މީހެއް ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ.

