ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަށާފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން 1،200 އަށްވުރެ ގިނަ މަޝްރޫއުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށާއި، އެ މަސައްކަތްތަކަށް ބޭނުންވާ ފައިސާ ވަގުތުން ދެއްކޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސަވާފައިވާކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ސިލްސިލާކޮށް ކުރިޔަށް ގެންދާ "އަހާ" ފޯރަމް ގެ 10 ވަނަ ބައްދަލުވުމުގައި އާންމު މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޒަރީރު ވިދާޅުވީ، މަޝްރޫޢުތައް ކުރިއަށްދާގޮތް އެ މަޝްރޫޢުތަކާ ގުޅޭ މިނިސްޓަރެއްގެ ސީދާ ބެލުމުގެ ދަށުން ވަރަށް ގާތުން ބައްލަވުމުންދާކަމަށެވެ.
ޒަރީރު ވިދާޅުވި ގޮތުގައި މެދު އިރުމަތީގެ ހަނގުރާމައިގެ ސަބަބުން ޕްރޮޖެކްޓްތަކަށް ބޭނުންވާ ސާމާނު ލިބުމުގައި ދަތިތަކެއް ކުރިމަތިވި ނަމަވެސް، އެ ދަތިތަކާއެކު ވެސް ސަރުކާރުން އިސްކަންދޭ ތަރުތީބުން މަޝްރޫއުތަކަށް ޚަރަދު ކުރާނެ ފައިސާ ސަރުކާރުން ހަމަޖެހޭނެ އިންތިޒާމެއް އެބައޮތް ކަމަށެވެ.
މީގެ އިތުރުން މިހާރު ކުރިޔަށްދާ އެއްވެސް މަޝްރޫއެއް ހުއްޓާނުލައްވާނެ ކަމުގެ ޔަގީންކަން ދެއްވައި ޒަރީރު ވަނީ ހުރިހާ މަޝްރޫއަކަށް ބޭނުންވާ ތަކެތި ލިބުން ހަލުވިކުރަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ.

