ހެއްކާއި އިންޓެލިޖެންސާއި ޓެކްނޮލޮޖީއާއެކު، އޯގާތެރިކަމާއި އިންސާނިއްޔަތުކަން އިސްކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އިބްރާހީމް ލަޠީފް ވިދާޅުވެއްޖެއެވެ. ޑީސީޕީ (ރިޓަޔަރޑް) އިބްރާހީމް ލަޠީފް މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުން 2027 ވަނަ އަހަރަށް ކަނޑައަޅާ އިސްކަންދޭ ދާއިރާތަކާއި އަހަރީ އެކްޝަން ޕްލޭން އެކުލަވާލުމަށް އިސްކަންދަރު ކޮށީގައި ކުރިއަށްގެންދާ "އެންސީޕީއެލްއީ އެނުއަލް ޕޮލިސިންގ ކޮންފަރެންސް 2026"ގެ ބައިވެރިންނާ ވާހަކަ ދައްކަވަމުންނެވެ. ފުލުހުންގެ ޚިދުމަތަކީ ސައިންސާއި ފަންނު އެކުލެވިގެންވާ ކަމެއްކަން ބަޔާންކުރައްވަމުން ލަޠީފް ވިދާޅުވީ، ހެއްކާއި އިންޓެލިޖެންސާއި ޓެކްނޮލޮޖީއާއެކު، އޯގާތެރިކަމާއި އިންސާނިއްޔަތުކަން އިސްކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. ހައްޔަރުކުރުމާއި ތަހުގީގު ކުރުމުގެ ބާރުތަކަށްވުރެ އޯގާތެރިކަމާއި އިންސާނިއްޔަތުކަން މާ މުހިންމުވާ ދަނޑިވަޅުތައް އަންނާނެކަން ފާހަގަކުރައްވައި، އަނިޔާގެ ޝިކާރައަކަށްވާ މީހަކަށް ނުވަތަ ބޮޑު ހިތާމައެއް ކުރިމަތިވެފައިވާ އާއިލާއަކަށް އެހީތެރިވާ ވަގުތު އެމީހުން ބަލާނީ ކޮނޑުގައިވާ ރޭންކަކަށް ނޫން ކަމަށާއި، ޔުނިފޯމްގެ ފަހަތުގައިވާ އިންސާނާއަށް ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، ކުށް މަދުކުރުމުގައި އެންމެ އެދެވޭ ނަތީޖާއެއް ނެރެވެނީ ކުށް ހިނގުމުގެ ކުރިން މުޖުތަމައާ ގުޅިގެން ކުރެވޭ "ޕްރޯއެކްޓިވް" މަސައްކަތުން ކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ ވެސްޓަރން އޮސްޓްރޭލިއާ ޕޮލިސްގެ ސްޓްރެޓީޖިކް އެޑްވައިޒަރަކަށް ހުންނެވި ދުވަސްވަރު އެކުލަވާލެއްވި ތިން މަރުހަލާގެ ކޮމިއުނިޓީ މޮޑެލް (ޕްރައިމަރީ، ސެކަންޑަރީ އަދި ޓާރޝަރީ މަރުހަލާ)ގެ ތަޖުރިބާ ހިއްސާކުރައްވާފައެވެ. އެގޮތުން ފްރަންޓްލައިން އޮފިސަރުން ސްކޫލްތަކާއި ބެލެނިވެރިންނާ ގުޅުން ބަދަހިކުރުމާއި، މިޑް-ލެވެލް މެނޭޖްމަންޓުން ކައުންސިލްތަކާއި މަދަނީ ޖަމްއިއްޔާތަކާ ގުޅުން ގާއިމުކުރުމުގެ އިތުރުން، އެގްޒެކެޓިވް ލެވެލްގައި މުޖުތަމައުގެ އިސް ފަރާތްތަކާ ވިލަރެސްކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރަށް އެކަހެރި ރަށެއްގައި ދިރިއުޅޭ ރައްޔިތެއް ކަމުގައި ވިޔަސް، ފުރަމާލޭގައި ދިރިއުޅޭ ރައްޔިތެކޭ އެއްފަދައިން ފުރިހަމަ އިހުތިރާމާއި ސަމާލުކަމާއެކު ޕްރޮފެޝަނަލް ޚިދުމަތް ހައްގުވާކަން އެމަނިކުފާނުގެ ވާހަކައިގައި އަލިއަޅުއްވާލެއްވިއެވެ. އަދި އައްޑޫ ސިޓީ ހިތަދޫގައި އަނިޔާގެ ޝިކާރައަކަށްވާ ފަރާތަކަށް ލިބޭ އަޅާލުމާއި އެހީތެރިކަން، ހއ. ތުރާކުނުގައި ހުންނަ ފަރާތަކަށް ވެސް ހަމަ އެ މިންވަރަށް ލިބެންޖެހޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަޚުލާގާއި ސުލޫކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ޑިސިޕްލިން ފެށެންޖެހޭނީ ލީޑަރޝިޕުން ކަމަށާއި، ބޭރުގެ އެކި ނުފޫޒުތަކަށް ޖާގަ ނުދީ ޗެއިން އޮފް ކޮމާންޑް ހިފެހެއްޓުމަށް އޮފިސަރުންނަށް އިލްތިމާސްކުރެއްވިއެވެ. އަދި ނަޒާހަތްތެރިކަން ގެއްލޭފަދަ އެއްވެސް ކަމެއްގައި ބައިވެރިނުވުމަށާއި، ކޮމިޝަނަރ އޮފް ޕޮލިސްގެ ފަހަތްޕުޅުގައި ސާބިތުވެ ތިބެ، މުއައްސަސާގެ އަގުތަކާއި ފަހުރުވެރި ތަރިކަ ރައްކާތެރިކުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. މި މަހުގެ 8 އިން 10އަށް އިސްކަންދަރު ކޮށީގައި ކުރިއަށްދާ މި ކޮންފަރެންސަކީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާއި ސްޓްރެޓީޖިކް ޕްލޭނިންގ އެންޑް ލީގަލް ސަރވިސަސް ގުޅިގެން، ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އަދި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ އިސްނެންގެވުމަށް ބާއްވާ ކޮންފަރެންސެކެވެ.


