ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ ނެޝަނަލް ޔޫތު މެންޓަލް ހެލްތް ކޮންފަރެންސް ފަށައިފިއެވެ.
މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރ ޤީލާ އަލީ ބައިވެރިވެވަޑައިގެންނެވިއެވެ.
މި ކޮންފަރެންސް ކުރިއަށްދާނީ ނޮވެމްބަރ 24 ގެ ނިޔަލަށް، މާލޭގައި ހުންނަ ޔޫތު ހަބްގެ ހޯލްގައެވެ. މި ކޮންފަރެންސްގައި ބައިވެރިވާނީ އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ފޯރަމް ކުރިއަށްދާނީ "ލިވްޑް އެކްސްޕީރިއަންސަސް ހަރޑް: ރިއަލް ވޮއިސަސް، ރިއަލް ޗޭންޖް" މި ޝިޢާރުގެ ދަށުންނެވެ. މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ޤައުމީ ފެންވަރުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ސިޔާސަތުތައް އެކުލަވައިލުމުގައްޔާއި، މުޖުތަމަޢުގެ ތެރެއިން ޙައްލު ހޯދުމުގައި ޒުވާނުންނަކީ މައިގަނޑު ބައިވެރިން ކަމުގައި ހެދުމެވެ.
ދިވެހިރާއްޖޭގެ ޒުވާނުންގެ 18.8 އިންސައްތަ ޒުވާނުނ ޑިޕްރެޝަންގެ ޢަލާމާތްތައް ތަޙައްމަލު ކުރަމުންދާ ކަމަށް ތަފާސްހިސާބުތަކުން ދައްކާއިރު، ނަފްސާނީ ދުޅަހެޔޮކަމަކީ މިހާރު ޤައުމީ ފެންވަރުގައި އަވަސް ޙައްލެއް ބޭނުންވެފައިވާ މުހިންމު މައްސަލައެކެވެ. "ޒުވާނުންނާ ގުޅޭ އެއްވެސް ނިންމުމެއް ޒުވާނުންގެ އަޑުނާހައި ނުނިންމުން" މި އުޞޫލުގެ މަތިން ބާއްވާ މި ކޮންފަރެންސަކީ، ނިންމުންތައް ނިންމުމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށާއި، ސަރުކާރާއި ޒުވާނުންގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ޤައުމީ ސިޔާސަތުތަކަށް ޒުވާނުންގެ ޚިޔާލު ސީދާ ގޮތެއްގައި ގެނައުމަށް ކުރިއަށްގެންދާ ޙަރަކާތެކެވެ.
ޒުވާނުން ބާރުވެރިކުރުވުމާ ގުޅޭ ވުޒާރާއިން މައުލޫމާތު ދޭގޮތުގައި، މި ކޮންފަރެންސްގެ މަޝްވަރާތަކާއި ޙައްލު ހޯދުމުގެ މަސައްކަތްތައް މައިގަނޑު 6 ދާއިރާއަކަށް އަމާޒުކުރެވޭނެއެވެ. އޭގެ ތެރޭގައި ހިމެނެނ:
• ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން، އިމޯޝަނަލް ވެލް ބިއިން އަދި ކަންކަމަށް ކެތްތެރިވުން
ޢާއިލާ، ގުޅުންތައް، އިޖުތިމާޢީ ޒިންމާ އަދި މުޖުތަމަޢުގެ ދުޅަހެޔޮކަން
• އިޖުތިމާޢީ އަދި އިޤްތިޞާދީ ރައްކާތެރިކަމާއި ކުރިމަގުގެ ފުރުޞަތުތައް
• ނަފްސާނީ ބަލިތަކާ މެދު މުޖުތަމަޢުގައި އޮންނަ ނުބައި ވިސްނުންތައް ދުރުކުރުމާއި، ދެކޭގޮތް ބަދަލުކުރުން
• ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ޒުވާނުންގެ ބައިވެރިވުމާއި އިސްނެގުންތައް
• މުޖުތަމަޢުގެ އަމާންކަމާއި ޒުވާނުންގެ ރައްކާތެރިކަން
މި ކޮންފަރެންސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މައިގަނޑު 3 ތީމަކަށް ބަހާލައިގެންނެވެ. އެއީ، ޒުވާނުންގެ ނަފުސާނީ ދުޅަހެޔޮކަން މިހާރު ހުރި މިންވަރު ދެނެގަތުމާއި، ޒުވާނުންނަށް ކުރިމަތިވާ ގޮންޖެހުންތަކުގެ އިތުރުން މި މައްސަލަތަކަށް ޒުވާނުން ހުށަހަޅާ ހައްލުތަކެވެ.

