އައްޑޫ ސިޓީ ހިތަދޫގައި ޒަމާނީ ފެންވަރުގެ އެމްބިއުލާންސް އެންޑް ޓްރާންސްޕޯޓް ސާވިސް ކޮމްޕްލެކްސްއެއް އަޅަން ސޮއިކޮށްފިއެވެ.
މިއަދު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އާއި ނޫރައްދީން އިންވެސްޓްމެންޓާ ދެމެދު ރަސްމީކޮށް މިކަމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، މި އެއްބަސްވުމުގައިވާ ގޮތުން މިއަދުން ފެށިގެން ހަތް މަސް ދުވަހުގެ ތެރޭގައި މި މަޝްރޫއުގެ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމުމަށް ވަނީ ތާވަލުކުރެވިފައެވެ.
މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް މިހާރު ފޯރުކޮށްދެމުންދާ އެމްބިއުލާންސްގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ހަރުދަނާ ނިޒާމެއްގެ ތެރެއިން އެކަށީގެންވާ ޒަމާނީ ވަސީލަތްތަކާއެކު ޚިދުމަތުގެ ފެންވަރު މަތިކުރުމެވެ. އެގޮތުން، އިމަޖެންސީ މެޑިކަލް ޓެކްނީޝަން (އީއެމްޓީ) އަދި ޕެރެމެޑިކްސްގެ ޚިދުމަތްތަކާއެކު މި ނިޒާމު ބަދަލުވާއިރު، އިމަޖެންސީ ހާލަތްތަކުގައި ދެވޭ ރެސްޕޯންސް ވަރުގަދަވާނެއެވެ.
މީގެއިތުރުން، ބަލިމީހާ ހޮސްޕިޓަލަށް ގެނައުމުގެ ކުރިން ދޭންޖެހޭ އަވަސް ފަރުވާ ދިނުމަށާއި، އެއްތަނުން އަނެއް ތަނަށް ބަލިމީހުން އުފުލުމުގެ މަރުހަލާގައި ވެސް މެދުކެނޑުމެއްނެތި ފަރުވާގެ ކަންކަން ކުރިއަށް ގެންދިއުމަށް މިކަމުގެ ސަބަބުން މަގުފަހިވާނެއެވެ.
މި މަޝްރޫއުގެ ދަށުން ގާއިމުކުރުމަށް ހަމަޖެހިފައިވަނީ އެމްބިއުލާންސް އެންޑް ޓްރާންސްޕޯޓް ސާވިސްއަށް ޚާއްސަ ތިން ބުރީގެ ޒަމާނީ އިމާރާތެކެވެ. މި އިމާރާތުގައި އެމްބިއުލާންސްތައް ޕާކުކުރުމަށާއި، އުޅަނދުތަކުގެ ކުދި މަރާމާތުތައް ކުރުމުގެ އިތުރުން ސިއްހީ ސާމާނު ގުދަންކުރުމަށް ޚާއްސަ ޖާގަތަކެއް ހިމެނެއެވެ. އަދި މީގެ އިތުރުން، އެމްބިއުލާންސް ޑިސްޕެޗް ކުރުމަށާއި ކޯލް ކޯޑިނޭޝަނަށް ވަކި ޖާގައެއް ކަނޑައެޅިފައިވާއިރު، ޑްރައިވަރުންނާއި ޓެކްނީޝަނުން އަދި އެހެނިހެން މުވައްޒަފުން މަސައްކަތްކުރުމަށް އެކަށޭނަ އޮފީސް ޖާގަތައް ވެސް މި އިމާރާތުގައި ގާއިމުކުރާނެއެވެ.
މި އިމާރާތުގެ މަސައްކަތް ނިމި، 2027 ވަނަ އަހަރުގެ ތެރޭގައި މި ތަނުން ރަސްމީކޮށް ޚިދުމަތް ދޭން ފެށޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

