-
-
logo

އިސްރާއިލުން އީރާނާ ދެކޮޅަށް ދެމުންދާ ހަމަލާތައް ރައީސް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފި

އާޝިޔާ ޞާލިޙް
2 ދުވަސް ކުރިން
އިސްރާއިލުން އީރާނާ ދެކޮޅަށް ދެމުންދާ ހަމަލާތައް ރައީސް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފި

އިސްރާއިލުން އީރާނާ ދެކޮޅަށް ދެމުންދާ ހަމަލާތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް'ގައި ރައީސް މުއިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިފަދަ އަމަލު ތަކަކީ ގާނޫނު ތަކާއި ހިލާފު އަދި ސަރަހައްދީ ސުލްހައާއި ހަމަޖެހުމަށް ނުރައްކާވާފަދަ އަމަލުތަކެއް ކަމަށެވެ. އަދި މިކަމަށް އަވަސް ހައްލެއް ގެންނަން ޖެހޭކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން ރާއްޖޭގެ ހާރިޖީ ވުޒާރާއިންވެސް ވަނީ މިއަދު ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައިވަނީ، އިސްރާއީލުން ކުރި ބައިނަލްއަގްވާމީ ގާނޫނާ ހިލާފު އަމަލަކީ މެދުއިރުމަތީގެ ސުލްހައާއި، ސަލާމަތަށް ހުށަހެޅިގެންދާ ނުރައްކަލެއް ކަމަށާއި އަދި އެ އަމަލަކީ އެ ސަރަހައްދުގެ ސަލާމަތަށް އިތުރަށް ނުރައްކާވާނެ ކަމެއްކަމަށެވެ.

އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ޣައްޒާއަށް މެދުކެނޑުމެއްނެތި ދެމުންގެންދާ ހަމަލާތަކާ ގުޅުވާ، އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން މުޅި މެދުއިރުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަސަރުފޯރާނެކަމަށާއި އިސްރާއީލުން ކުރަމުންދާ ޣައިރު ޤާނޫނީ އަމަލުތައް ވަގުތުން ހުއްޓާލުމަށް އިސްރާއީލަށް މަޖުބޫރުކުރުވުމަށް ވަގުތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ބާރުއެޅުމަށާއި، ސަރަހައްދުގެ މަޞްލަހަތު އިތުރަށް ގޯސްވިޔަނުދިނުމަށް އަވަސް ފިޔަވަޅުތައް އެޅުމަށް ބައިނަލްއަގްވާމީ މުޖުތަމައުއަށް ދިވެހި ސަރުކާރުން ގޮވާލާކަމަށްވެސް ޚާރިޖީ ވުޒާރާގެ ބަޔާނުގައިވެއެވެ.

އިސްރާއީލުން ރޭ އީރާނުގެ އަސްކަރީ އަދި ނިއުކްލިއާ މަރުކަޒުތަކަށް ސިލްސިލާ ހަމަލާތަކެއް ދީފައިވާއިރު، އެ ޙަމަލާތަކުގައި އީރާނުގެ އިންޤިލާބީ ފައުޖުގެ އިސްވެރިޔާ، ޙުސައިން ސަލާމީއާއި އީރާނުގެ ހަތިޔާރުއެޅި ބާރުގެ ޗީފް އޮފް ސްޓާފް މުޙައްމަދު ބަޣާރީ އަދި އެމަޖެންސީ ކޮމާންޑުގެ ކޮމާންޑަރުވެސް ވަނީ ޝަހީދުކޮށްލާފައެވެ.


ad