ސަރުކާރުން މަސައްކަތްކުރާނީ ރާއްޖޭގެ އިޤްތިޞާދުގައި ހިމެނޭ ސިނާޢަތްތައް ކުރިއެރުމަށް ހުރި ހުރަސް ނައްތާލައި، އެ ސިނާއަތްތަކަށް ކުރިއެރުން ގެނެސްދިނުމަށްކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސަޢިދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެންވިދާޅުވީ މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީޒްއިން އިންތިޒާމްކޮށްގެން ކުރިޔަށްގެންދާ ބިލްޑް އެކްސްޕޯ 2025 ގައި ވާހަކަފުޅު ދައްކަވަމުންނެވެ. ބިލްޑް އެކްސްޕޯ ފައްޓަވައިދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ ރާއްޖޭގައި މިހާރު އަމަލުކުރަމުން އަންނަ ފޮރިން އިންވެސްޓްމަންޓާބެހޭ ޤާނޫނުގެ ދަށުން ފޮރިން އިންވެސްޓްމަންޓާބެހޭ ސިޔާސަތެއް އެކުލަވާލަންޖެހޭކަމަށެވެ. އަދި އެ ސިޔާސަތުގެ ދަށުން ބޭރު މީހުންނަށް ރާއްޖޭގައި ކުރެވޭނެ ވިޔަފާރިތަކާއި ދިވެހިންނަށް ހަމައެކަނި ކުރެވޭނެ ވިޔަފާރިތައް ކަނޑައަޅަންޖެހޭކަމަށެވެ. އަދި އިތުރަށް ވިދާޅުވީ ބޭރު މީހުންނާއި ދިވެހިންނަށް ކުރެވޭނެ ވިޔަފާރިތައް ކަނޑައެޅުމާއި ގުޅޭގޮތުން ކޮންސްޓްރަކްޝަން އިންޑަސްޓްރީ ހިމެނޭގޮތަށް ސަރުކާރުން ވަނީ މަޝްވަރާކޮށްފައިކަމަށެވެ.
ބިލްޑް އެކްސްޕޯއަކީ އިމާރާތްކުރުމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ޚިދުމަތްތަކާއި ޕްރޮޑަކްޓްތަކުގެ މައުލޫމާތު އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށްޓަކައި ބާއްވާ އެކްސްޕޯއެކެވެ. ހުޅުމާލެ ސެންޓްރަލް ޕާރކްގައި ކުރިޔަށްދާ މި އެކްސްޕޯގައި ރާއްޖެއާއި ރާއްޖޭންބޭރުގެ 60 އެގްޒިބިޓަރުން ބައިވެރިވެއެވެ.