logo

ނޭޝަނަލް ފުޓްސަލް އެރީނާގެ އަމަލީ މަސައްކަތް ފަށައިފި

ދިޔާމާ އިބްރާހިމް
16 ގަޑިއިރު ކުރިން

ހުޅުމާލޭ ތިންވަނަ ފިޔަވަހީގައި އަޅަން ނިންމާފައިވާ "ނޭޝަނަލް ފުޓްސަލް އެރީނާ"ގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ލިއޯ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއެވެ.

720 ދުވަސް ތެރޭ މަސައްކަތް ނިންމުމަށް ޝަރުތުކޮށްފައިވާ މި އެރީނާގެ ޖުމްލަ ބިލްޓް-އަޕް އޭރިއާއަކީ 9,775.00 އަކަމީޓަރެވެ. ޖުމްލަ 21 މީޓަރުގެ އުސްމިނަށް ބިނާކުރާ މި މަލްޓި-ލެވެލް އިންޑޯ އެރީނާ ފަރުމާކޮށްފައިވަނީ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފުރިހަމައަށް ފެތޭ ގޮތަށެވެ.

މި ކޮމްޕްލެކްސްގައި ބައިނަލްއަޤްވާމީ ފެންވަރުގެ ޖުމްލަ 5 ކޯޓު ޙެދުމަށް ހަމަޖެހިފާއިރު، އޭގެ ތެރޭގައި ހިމެނެނީ މައި މެޗު ކޯޓަކާއި 4 ޕްރެކްޓިސް ކޯޓެވެ. އިމާރާތުގެ ގްރައުންޑް ފްލޯގައި ޤާއިމުކުރާ މައި މެޗު ކޯޓުގެ ކުޅޭ ސަރަޙައްދަކީ 20 މީޓަރު ފުޅާ، 40 މީޓަރު ދިގު ސަރަޙައްދެކެވެ. އަދި ރަންއޯފް ސަރަޙައްދާއެކު މި ކޯޓުގެ ބޮޑުމިނަކީ 26 މީޓަރު ގުނަކުރުން 46 މީޓަރެވެ. ބާކީ ހުރި 4 ޕްރެކްޓިސް ކޯޓުގެ ތެރެއިން 2 ކޯޓު ގްރައުންޑް ފްލޯގައި ހުންނައިރު، އަނެއް 2 ކޯޓު ޤާއިމުކުރަނީ މަތީ ފަންގިފިލާގައެވެ. މި ހުރިހާ ޕްރެކްޓިސް ކޯޓުތަކަކީވެސް 20 މީޓަރު ފުޅާ، 40 މީޓަރު ދިގު، އަދި ރަންއޯފްއާއެކު 24 މީޓަރު ގުނަކުރުން 44 މީޓަރުގެ ޖާގަ ހިމެނޭ ކޯޓުތަކެކެވެ.

މި ކޮމްޕްލެކްސްގެ މައި މެޗު ކޯޓުގައި 900 މީހުންނަށް ބެލޭނެ ސްޕެކްޓޭޓަރ ސްޓޭންޑަކާއި، ޓިކެޓް ކައުންޓަރުތަކާއި، ކޮންސެޝަން ސްޓޭންޑްތައް ހިމެނޭނެއެވެ. މީގެ އިތުރުން ދެވަނަ ފަންގިފިލާގައި ޚާއްޞަރ ވީ.އައި.ޕީ ލައުންޖަކާއި 8 ކޯޕަރޭޓް ބޮކްސް ހުންނާނެއެވެ. ކުޅުންތެރިންނާއި އޮފިޝަލުން ވަދެނިކުތުމަށް ވަކި ޚާއްޞަ ދޮރުތަކާއެކު، ޓީމު ލޮކަރ ރޫމްތަކާއި، ފެންވަރާ ތަންތަނާއި، ކިޓް ރޫމްތަކާއި، ޕްލޭޔަރސް ލައުންޖާއި، މެޑިކަލް އެންޑް ޑޯޕިންގ ކޮންޓްރޯލް ރޫމެއްގެ އިތުރުން މަލްޓިޕަރޕަސް ޓްރެއިނިންގ ހޯލަކާއި އިދާރީ އޮފީސްތައްވެސް އެ އެރީނާގައި ޤާއިމުކުރެވޭނެއެވެ.

ފުޓްސަލްއަށް ޚާއްސަ ކޮމްޕްލެކްސް އެޅުމަށް ބިން ދިނުމަށް، ސްޕޯޓްސް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީއާއި އެޗްޑީސީން އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިދިޔަ އަހަރުގެ ފެބުރުވަރީ މަހުގެ 24ގައެވެ.

ad