logo

ފާއިތުވީ 3 އަހަރު 93 މަޝްރޫއެއް ނިންމައި، 356 މަޝްރޫއެއް ފަށައިފިން: އެމްޓީސީސީ

ދިޔާމާ އިބްރާހިމް
9 ގަޑިއިރު ކުރިން

ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި 93 މަޝްރޫއެއް ކާމިޔާބުކަމާއެކު ނިންމައި، އިތުރު 356 މަޝްރޫއެއްގެ ޢަމަލީ މަސައްކަތް ފަށައިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ، އެމްޓީސީސީއިން ހާަމަކޮށްފިއެވެ.

އެމްޓީސީސީން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 17 ނޮވެންބަރު 2023އިން ފެށިގެން 17 ނޮވެންބަރު 2026އާ ހަމައަށް ހޭދަވި މުއްދަތުގައި، އެ ކުންފުނީގެ މަޝްރޫއުތައް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވަނީ ފޯރާފައެވެ. އެގޮތުން ޖުމުލަ 149 ރަށެއްގައި އެ ކުންފުނީގެ އަމަލީ މަސައްކަތްތައް ހިންގަމުންދާކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އެމްޓީސީސީން ނިންމި 93 މަޝްރޫއުގެ ތެރެއިން އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކެވެ. އެގޮތުން މި ދާއިރާއިން 19 މަޝްރޫއެއް ވަނީ ނިންމާފައެވެ. ދެވަނައަށް އެންމެ ގިނައިން ނިންމާފައިވަނީ އައުޓްޑޯ ޖިމްތައް ތަރައްގީ ކުރުމުގެ 16 މަޝްރޫއެކެވެ. އަދި ބަނދަރު ހެދުމުގެ 14 މަޝްރޫއެއްވެސް ނިންމާލާފަވާކަން އެމްޓީސީސީން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން އެމްޓީސީސީން ވަނީ ދަތުރުފަތުރާއި، ގޮނޑުދޮށް ހިމާޔަތްކުރުމާއި، އިޖުތިމާއީ އަދި ކުޅިވަރުގެ ވަސީލަތްތަކުގެ އިތުރުން ޢާންމު ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ މުހިންމު ގިނަ އުމްރާނީ މަސައްކަތްތަކެއް ފުރިހަމަކޮށްފައެވެ.

އެމްޓީސީސީން ހާމަކުރި ގޮތުގައި، މި މަޝްރޫއުތަކުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި އުމްރާނީ ތަރައްގީ ފޯރުކޮށްދީ، ރަށްރަށުގެ އިގްތިސާދީ އަދި އިޖުތިމާއީ ދިރިއުޅުމުގެ ފެންވަރު މަތިކުރުމެވެ. އަދި ރާއްޖޭގެ ރަށްތައް އެކަތިގަނޑެއްގެ ގޮތުގައި ގުޅުވާލައި، ލާމަރުކަޒީ ތަރައްގީއަށް ބޭނުންވާ ވަސީލަތްތައް ފަހިކޮށްދިނުމުގައި އެ ކުންފުނިން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް އެމްޓީސީސީން ވަނީ ދީފައެވެ.

ad