logo

ޕީއެންސީގެ މެންބަރުންގެ ޢަދަދު ލައްކައަކަށް ވުރެ މައްޗަށް އަރައިފި

މަރްޔަމް
13 ގަޑިއިރު ކުރިން

ވެރިކަންކުރާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ދަފުތަރުގައި ހިމެނޭ މެންބަރުންގެ ޢަދަދު އެއްލައްކައަށްވުރެ މައްޗަށް އެރުމަކީ، އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަރުދަނާ ސިޔާސަތުތަކަށާއި ސަރުކާރުގެ މިސްރާބަށް ދިވެހި ރައްޔިތުން ކުރާ ފުރިހަމަ އިތުބާރު ހާމަކޮށްދޭ އަލިގަދަ ހެއްކެއް ކަމަށް އެ ޕާޓީން ބުނެފިއެވެ. މި ތާރީޚީ ކާމިޔާބީއާއެކު ޕީއެންސީ ވެގެން ގޮސްފައިވަނީ، ރާއްޖޭގެ ސިޔާސީ ޙަޔާތުގައި އެއްލައްކަ މެންބަރުން ހަމަކުރި ފުރަތަމަ ސިޔާސީ ޕާޓީއަށެވެ.

މި ކާމިޔާބީ ފާހަގަކޮށް ކޮންގްރެސް ޕާޓީން ނެރުނު ބަޔާނުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒަށާއި، ޕާޓީގެ ލީޑަރޝިޕްގެ އިތުރުން އެންމެހައި މެންބަރުންނަށް ވަނީ ހޫނު މަރުޙަބާއާއި ޝުކުރު އަރިސްކޮށްފައެވެ. އެ ޕާޓީން ހާމަކުރި ގޮތުގައި، ކަނޑައެޅި އަމާޒަށް ވާސިލުވެވުނީ ރައީސުލްޖުމްހޫރިއްޔާގެ ދުރުވިސްނުންފުޅާއި ސިޔާސަތުތަކަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ ބޮޑު ތާއީދުގެ ސަބަބުންނެވެ. އަދި މި ލަނޑުދަނޑި ހާސިލުކުރުމަށް ޕާޓީގެ ޢާންމު މެންބަރުންނާއި އިސް ސަފުގައި މަސައްކަތްކުރެއްވި ހުރިހާ ފަރާތްތަކުން ވެވަޑައިގެންނެވި ޤުރުބާނީ ޕާޓީން ވަނީ ފާހަގަކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2019ވަނަ އަހަރުގެ ޖަނަވަރީ 31ގައި އުފެދުނު ޕީއެންސީގައި މިހާރު 100،083 (އެއްލައްކަ އަށްޑިހަ ތިން) މެންބަރުން އެބަތިއްބެވެ. މިއީ މިއަހަރު ނިމުމުގެ ކުރިން މެންބަރުންގެ ޢަދަދު އެއްލައްކައަށް އިތުރުކުރުމަށް އެ ޕާޓީން ގެންގުޅުނު އަމާޒު ފުރިހަމަވެގެން ދިޔުމެވެ. 2023 ވަނަ އަހަރުގެ ނޮވެންބަރު 17ގައި ރައީސް ޑރ. މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު ކޮންގްރެސް ޕާޓީގައި ތިބީ 3،000އެއްހާ މެންބަރުންނެވެ.

ޕީއެންސީން ފާހަގަކުރާ ގޮތުގައި، ޕާޓީއަށް މިފަދަ ބޮޑު ތަރުޙީބެއް ލިބެމުންދަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރާއްޖެއަށް ގެންނަވަން މަސައްކަތްކުރައްވާ އިޤުތިޞާދީ އަދި އިޖުތިމާޢީ އިންޤިލާބީ ތަރައްޤީގެ ތަޞައްވުރަށް ދިވެހި ރައްޔިތުން ފުރިހަމައަށް ތާއީދުކުރާތީއެވެ. އަދި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމާއެކު، ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫޢުތަކާއި، އުމްރާނީ ތަރައްޤީ މުޅި ރާއްޖެއަށް ފުޅާކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ހަރުދަނާ ވިސްނުންފުޅަކީ ދިވެހި ޤައުމު އަމާން އަދި ފާގަތި މުސްތަޤްބަލަކަށް ގެންގޮސްދޭނެ ސިޔާސަތުތަކެއްކަމަށް ރައްޔިތުން މިއަދު ޤަބޫލުކުރާކަމަށްވެސް އެ ފާޓީން ދެކެއެވެ.

ad