ޒިންމާދާރުކަމާއެކު ބޭސް ބޭނުންކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.
އެކަމަނާ މިފަދައިން ގޮވާލެއްވީ، ދުނިޔޭގެ އެންޓިމައިކްރޯބިއަލް ހޭލުންތެރިކަމުގެ ހަފުތާއާ ގުޅިގެން މީސް މީޑިޔާގައި ހިއްސާކުރެއްވި ޚާއްސަ މެސެޖެއްގައެވެ. އެގޮތުން ބޭހަށް ނުގުޑާ ޖަރާސީމުގެ އެކި ބާވަތްތަކުން ރައްކާތެރިވެފައިވާ، ވިލުންތެރި މުޖުތަމައެއް ބިނާކުރުމަށް މަސައްކަތްކުރަންޖެހޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ
ޖަރާސީމު ނައްތާލުމަށް ބޭނުންކުރާ ބޭސްތަކަށް ޖަރާސީމު ނުގުޑުމުގެ ނުވަތަ އެންޓިމައިކްރޯބިއަލް ރެސިސްޓެންސް (އޭ.އެމް.އާރް) މައްސަލަ އަކީ ދުނިޔެއަށް ކުރިމަތިވަމުން އަންނަ ނުރައްކަލެއްކަމަށެވެ. އަދި އެކަމަނާ ފާހަގަކުރެއްވި ގޮތުގައި، އެންޓިމައިކްރޯބިއަލް ރެސިސްޓެންސްގެ ސަބަބުން އިންސާނުންނާއި ޖަނަވާރުންނާއި ގަސްގަހާގެހީގެ އިތުރުން މުޅި ތިމާވެށީގެ ދުޅަހެޔޮކަމަށްވެސް ބޮޑެތި ނުރައްކާތަކާ ކުރިމަތިލާންޖެހެއެވެ.
ބޭހަކީ އިންސާނުންގެ ފުރާނަ ސަލާމަތްކޮށްދޭ މުހިންމު އެއްޗެއްކަން ފާހަގަކުރައްވާ އެކަމަނާ އިތުރަށް ވިދާޅުވެފައިވަނީ، ޖަރާސީމު ނައްތާލާ ބޭސްތަކުގެ އަސަރު ކެނޑިގެންދާ ހިނދު، އާންމު އިންފެކްޝަންތައް އިތުރުވެ، ބަލިތަކަށް ފަރުވާކުރުމަށް ދަތިވެގެންދާ ކަމަށެވެ. އަދި މީގެ ސަބަބުން އަޅުގަނޑުމެންގެ ދުވަހީ ދިރިއުޅުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށްވެސް އެކަމަނާ ބަޔާންކުރެއްވާފައިވެއެވެ.
އަންނަން އޮތް ޖީލުތަކަށް ދުޅަހެޔޮ އަދި ފާގަތި މުސްތަޤުބަލެއް ހޯދައިދެވޭނީ ޒިންމާދާރުކަމާއެކު މިފަދަ ބޭސްތައް ބޭނުންކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރުމަށް ހިތްވަރުދީ، އަދި ތިމާވެށި ރައްކާތެރިކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ންވެސް އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.
މިއަހަރުގެ އެންޓިމައިކްރޯބިއަލް ހޭލުންތެރިކަމުގެ ހަފުތާ ފާހަގަކުރާއިރު، އިންސާނުންނާއި ޖަނަވާރާއި ތިމާވެށީގެ ދުޅަހެޔޮކަން ގުޅިލާމެހިފައިވާކަން ހާމަކޮށްދޭ "ވަން ހެލްތު" ސްލޯގަން ފެތުރުމަށް އެކަމަނާގެ ޕޯސްޓުގައި ބާރުއަޅުއްވާފައިވެއެވެ. އަދި އެންމެން ހިއްސާވާ މުސްތަޤުބަލު ރައްކާތެރިކޮށް، ދުޅަހެޔޮ، އުފާވެރި ދިރިއުޅުމަކަށް މަގުފަހިކުރުމަށްޓަކައި މިހާރުން މިހާރަށް ފިޔަވަޅު އެޅުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ގޮވާލައްވާފައެވެ.
ބޭހަށް ނުގުޑާ ޖަރާސީމުގެ ސަބަބުން އަހަރުން އަހަރަށް މަރުވާ މީހުންގެ ޢަދަދު އިތުރުވަމުންދާތީ، އޭގެ ސަބަބުން އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ދަނީ ކުރިމަތިވަމުންނެވެ. މި ނުރައްކާތަކުން އަރައިގަތުމަށް ރާއްޖެއިން ވަނީ ނޭޝަނަލް އެކްޝަން ޕްލޭން އޮން އެންޓިމައިކްރޭބިއަލް ރެސިސްޓެންސްގެ ނަމުގައި 2024 އިން 2029 ގެ ނިޔަލަށް ޚާއްޞަ ޤައުމީ އެކްޝަން ޕްލޭނެއްވެސް އެކުލަވާލާފައެވެ.


