ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ވ އަތޮޅާ ހަމައަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވައިތް އެލަރޓް ނެރެފިއެވެ.
މިއަދު ހެނދުނު މެޓުން ފުރަތަމަ އެލަރޓް ނެރެފައިވަނީ ހެނދުނު 11:30 އިނ ހަވީރު 17:30 އަށް ހއ އަތޮޅުން ފެށިގެން ޅ އަތޮޅާ ހަމައަށެވެ. އެއަށްފަހު މިއަދު މެންދުރުފަހުވަނީ ކ އަތޮޅުން ފެށިގެން ވ އަތޮޅާހަމައަށް މެންދުރުފަހު 15:15 އިން 17:30 އަށް ވައިޓް އެލަރޓް ނެރެފައެވެ.
އެ އަލރޓްގެ ވަގުތު ހަމަވުމުން ހަވީރު 17:30 އިން މިރޭ 23:30 އަށް ވަނީ އެލަރޓްގެ ވަގުތު ދަންމާލާފައެވެ.
އެލަރޓްގައި ވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައެވެ.
މީގެ އިތުރުން، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށާއި، އުތުރާއި މެދުރާއްޖެތެރޭގެ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށްވެސް މެޓުން ވަނީ މިއަދު ބުނެފައެވެ.