ރަމަޟާން މަހާ ދިމާކޮށް ވެމްކޯއިން ކުނި ނަގާ ވަގުތުތަކަށް ބަދަލުތަކެއް ގެނެސްފިއެވެ.
ވެމްކޯއިން ބުނީ މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހާއި ޝައްވާލު މަހުގެ 6 ރޯދަ ނިމެންދެން މާލެ ސަރަޙައްދުގައި ކުނި ނަގާނެ ވަގުތުތައް ބަދަލުގެސްފައިވާކަމަށެވެ.
އެގޮތުން ވެމްކޯއިން ބުނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ހަ ރޯދަ ނިމެންދެން މާލޭ ގޭބިސީތަކުން ކުނި ނެގުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 20:30 އިން 2:00އާ ދެމެދުގައެވެ. އަދި ހުޅުމާލެ ގޭބިސީތަކުން ކުނި ނެގުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 21:00 އިން 2:30 އަށް ކަމަށް ވެމްކޯއިން ބުނެއެވެ. ވެމްކޯއިން ބުނީ މުލަ ރޯދަ ދުވަހުން ފެށިގެން ހަ ރޯދަ ނިމެންދެން ވިލިމާލެއިން ގޭބީސީތަކުގެ ކުނި ނެގުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 21:00 އިން 1:00އާ ދެމެދުކަމަށެވެ.
ވެމްކޯއިން މިއަދު ކުރި އިއުލާނެއްގައި ވަނީ ކުރިއަށް އޮތް ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން މާލެ ސިޓީއާއި، ހުޅުމާލެ އަދި ވިލިމާލޭގައި 08 ފެބްރުއަރީ 2026 އިން ފެށިގެން ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހު އެ ކުންފުނިން ކުނި ނަގާނެ ގަޑިތައް ހާމަކޮށްފައެވެ.
ރަމަޟާންމަހު ގިނައިން ބަދިގެ ކުނި އުފައްދާއިރު އެތަކެތި ބޭރަށް ނެރުމުގެ ކުރިން ރަނގަޅަށް ބަންދުކޮށްފައި ނެރުން މުހިއްމެވެ. އަދި ބިއްލޫރި ނުވަތަ ތޫނު އެއްޗެއް އުކާލާނާމަ، އެއިން ވެށިފާރަވެރިންނަށް ގެއްލުން ނުވާނެހެން ރަނގަޅަށް ބަންދު ކޮށްފައި ވަކިން ބެހެއްޓުމަކީވެސް ސަމާލުކަން ދޭންޖެހޭކަމެކެވެ.

