ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދި ހުށައެޅުމަށް މިއަދުން ފެށިގެން ހުޅުވާލައިފިއެވެ. އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން މިފުރުސަތު ހުޅުވާލީ މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ކޮށްފައިވާ އިޢުލާނުގައި ވަނީ މިއަހަރުގެ މާރިޗު މަހުގެ ގެޒެޓުކޮށްފައިވާ ބިންވެރިޔާ ސްކީމްގެ އުސޫލުގެ ދަށުން ގޯއްޗަށް އެދި ހުށައެޅުމަށް ހުޅުވާލާކަމަށެވެ. އެ އުސޫލުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމަށް މިއަދު ވަނީ ހުޅުވާލާފައެވެ.
އެޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާ މިފުރުސަތުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމާލެއިން ދޫކުރާ 1250 އަކަފޫޓުގެ ގޯތިތަކަށްކަމަށް އެވުޒާރާއިން ބުނެއެވެ.
އެ އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅާނީ ފޯޓަލް މެދުވެރިކޮށް ކަމަށް ވެސް އިއުލާނުގައިވެއެވެ.
މި އުސޫލުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅޭނީ މައިގަނޑު ދެ ކެޓަގަރީއެއްގެ ބޭފުޅުންނަށެވެ. ފުރަތަމަ ކެޓަގަރީގައި ހިމެނެނީ "ބިންވެރިޔާ" ސްކީމުގެ ދަށުން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައިގެން ކުރިން ގޯތި ލިބިފައިވާ ފަރާތްތަކެވެ. ދެވަނަ ކެޓަގަރީގައި ހިމެނެނީ ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފުލެޓެއް ލިބިފައި އޮތުމުގެ ސަބަބުން، ކުރިން ބިންވެރިޔާ ސްކީމަށް ކުރިމަތިލުމުގެ ފުރުޞަތު ލިބިފައިނުވާ ފަރާތްތަކެވެ.
އެގޮތުން ކައިވެނިކޮށްގެން އުޅޭ ފަރާތެއްނަމަ ކައިވެނީގެ ސެޓްފިކެޓާއި އަމިއްލަ ނަމުގައި ފްލެޓެއް ނުވަތަ ބިމެއް އޮތްނަމަ ބިމުގެ ނުވަތަ ފްލެޓުގެ ރަޖިސްޓްރީއާއި، ޙައްޤުތަކާއި ގުޅޭ އިޤްރާރާއި، އުފަންވީއްސުރެ މާލޭގައި އުޅޭކަން ނުވަތަ ފަހުން މާލޭގައި ރަށްވެހިވެފައިވާ ފަރާތެއްނަމ،ަ ފަހުން މާލޭގައި ރަށްވެހިވިއިރ،ު ފުރަތަމަ ރަށްވެހިވި މާލޭގެ އެޑުރެހެއްގައި ރަށްވެހިވި ތާރީޚާއި އެ ތާރީޚް އަންގައިދޭ ރަށްވެހިންގެ ރަޖިސްޓަރީ ފަދަ ލިޔުންތައް ހިމެނެއެވެ.
ގޯއްޗަށް އެދި ހުށަހަޅާއިރު، އުސޫލުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަކޮށް ހުށަހަޅަންޖެހޭނެ ކަމަށް ވުޒާރާއިން ބުންޏެވެ. އެގޮތުން އެޕްލިކޭޝަން މަރުޙަލާގައި ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކެއްގެ ތަފްޞީލު ވުޒާރާއިން ކުރި އިޢުލާނުގެ ވަނީ ހިމަނާފައެވެ.
ރަސްމާލެ މަޝްރޫއުގެ އަމަލީ މަސައްކަތް ފުރަތަމަ ފެށީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 18ވަނަ ދުވަހުއެވެ. މަސައްކަތްތައް އަވަސްކުރުމަށް އެމްއޭސީއެލްއާ ހަވާލުކޮށް މަސައްކަތް ފެށީ މިދިޔަ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުއެވެ.
