ފ. ފީއަލީ ބަނދަރުގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާގައި، ފީއަލީ އައިސް ޕްލާންޓު ބޭނުން ނުކުރެވޭވަރަށް އަނދާފައިވާ ކަމަށް މިފްކޯއިން ހާމަކޮށްފިއެވެ.
ފީއަލީ އައިސްޕްލާންޓްގައި އަލިފާން ރޯވެފައިވަނީ އެތަނާއި ކައިރީ އޮންނަ ތެޔޮ ޖެޓީގައި އަޅާފައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ، އަލިފާންގަނޑު ފެތުރިގެންނެވެ. މި ހާދިސާގައި އިތުރު ދޯނިތަކަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ.
މި ހާދިސާއާއި ގުޅިގެން މިފްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރޯވި އުޅަނދާ އައިޕްލާންޓާއި ދޭތެރޭ ހުންނާނީ 15 ވަރަކަށް ފޫޓޫ ކަމަށާއި އަލިފާނުގެ ސަބަބުން އެތަން ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ. އަދި ފީއަލީގައި ގާއިމުކޮށްފައިވާ އައިސްޕްލާންޓަކީ 25 މެޓްރިކްސްޓަނުގެ އައިސްޕްލާންޓެއް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މި އައިސް ޕްލާންޓަކީ ފެނަކައިން މިފްކޯއާއި ޖޫން 2025 ގައި ހާވާލު ކުރުމުން 1 ސެޕްޓެމްބަރު 2025 އިން ފެށިގެން އޮޕަރޭޝަނަށް ގެނެސް، ހިދުމަތް ދެމުން އަންނަ އައިސްޕްލާންޓެކެވެ.

