logo

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފްލެޓް ލިބޭގޮތަށް ކެޓަގަރީއަށް އިސްލާހެއް

އާމިނަތު މޫސާ
7 ގަޑިއިރު ކުރިން

އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމުގެ ދަށުން "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ" ގެ ޝަރުޠުތައް އިސްލާޙުކޮށް، އެފަރާތްތަކަށް ވަކިން ފުލެޓަށް އެދި ހުށަހެޅުމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން އަލުން ހުޅުވާލައިފިއެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނީ، ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ "އާއިލީ ބޯހިޔާވަހިކަން" ޕުރޮގުރާމުގެ ތެރެއިން، ގެޒެޓްކޮށްފައިވާ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލުގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ހާއްސަ އިސްކަންދޭ "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ" އަށް ވަކިން އެޕްލިކޭޝަން ހުށަހެޅޭގޮތަށް ހަދައި، އެ ކެޓަގަރީގެ ޝަރުތުތަކާއި، އެ ކެޓަގަރީއަށް އެޕްލިކޭޝަން ހުށަހަޅާނެ ގޮތާއި، ޕޮއިންޓު ދިނުމުގެ އުސޫލާއި، ހައުސިން ޔުނިޓު ކަނޑައަޅާ ގޮތްތައް ހިމަނައި، އެ އުސޫލުގެ ދަށުން ފްލެޓަށް އެދެން ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.

މި ބަދަލާއެކު މިހާރުވަނީ ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް 100 ފުލެޓު ކަނޑައަޅައި، އެ ކެޓަގަރީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ. މިހާރު މި ކެޓަގަރީއަށް ކުރިމަތިލެވޭނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ ފަރާތްތަކަށެވެ. މި އިސްލާހުގެ ދަށުން، މާލޭގައި ދިރިއުޅޭ މުއްދަތާ ގުޅޭގޮތުން ކުރިން އޮތް ހަރުކަށި ޝަރުތުތަކަށް ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ.

އަލަށް ގެނެސްފައިވާ އިސްލާހުގެ ތެރެއިން މާލޭގެ ރަށްވެއްސަކަށް ވާންޖެހޭ މުއްދަތު 1 އަހަރަށް ކުޑަ ކުރުމާއެކު، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ކުރިން އޮތް 15 އަހަރުގެ ޝަރުޠުގެ ބަދަލުގައި، މިހާރު ފުރުސަތު ލިބޭނީ މާލޭގައި މެދުނުކެނޑި 5 އަހަރު ދިރިއުޅެފައިވާ ފަރާތްތަކަވުމުގެ އިތުރުން، ނުކުޅެދުންތެރިކަމުގެ ސަބަބުން ރަށުން ފަރުވާ ލިބެން ނެތިގެން މާލެއަށް ބަދަލުވެ، ވޭތުވެދިޔަ 1 އަހަރު މާލެއިން ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ވެސް މިހާރު ކުރިމަތިލެވޭނެއެވެ.

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ގެނައި މި ބަދަލަކީ، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އެޅި މުހިންމު ފިޔަވަޅެކެވެ. މި ކެޓަގަރީން ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު މިމަހު 24 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން، އޭޕްރީލް 30 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 23:59 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

މި އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ ޕޯޓަލް މެދުވެރިކޮށެވެ. މިކަމާ ގުޅޭ އިތުރު މަޢއުލޫމާތު ސާފުކުރުމަށް އެ ވުޒާރާގެ ހޮޓްލައިން ނަންބަރުތައް ކަމަށްވާ 4004860 އިން ފެށިގެން 4004865 އަށް ގުޅުއްވުމަށް ނުވަތަ އަށް އީމެއިލް ކުރެއްވުމަށް ވުޒާރާއިން އިރުޝާދު ދެއްވައެވެ.

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ ދަށުން ބިމާއި ފުލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ސަރުކާރުން މިހާރު ވަނީ ހުޅުވާލާފައެވެ.

ad