ވޭލްސްގެ ނިއުޕޯޓްގައި 2026 ވަނަ އަހަރުގެ މެއި މަހުގެ 16 އިން 19 އަށް ބޭއްވި ވޯލްޑް ޝެފްސް ކޮންގްރެސް 2026 ގައި ރާއްޖޭގެ 12 ޝެފުން ވަފުދެއް ބައިވެރިވެއްޖެއެވެ.
ވޯލްޑް ޝެފްސް ކޮންގްރެސް އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ކަލިނަރީ ލީޑަރުން އެއްތަނަކަށް ޖަމާވާ ޕްރޮފެޝަނަލް ޝެފުން ހިމެނޭ ދުނިޔޭގެ އެންމެ ބޮޑު ބައިނަލްއަގުވާމީ ބައްދަލުވުމެވެ.
ވޯލްޑް ޝެފްސް ކޮންގްރެސް އެއްގެ ސަބަބުން ޝެފުން އާ އީޖާދުތައް ހިއްސާކޮށް، ދުނިޔޭގެ ކަލިނަރީ އިންޑަސްޓްރީގެ ޕްރޮފެޝަނަލް ނެޓްވޯކްތައް ހަރުދަނާ ކުރެވޭނެއެވެ. މިއީ ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ހަރަކާތެކެވެ.
އިގިރޭސިވިލާތުގައި ކުރިއަށްދިޔަ ވޯލްޑް ޝެފްސް ކޮންގްރެސްގައި ރާއްޖޭގެ 30 ޝެފުން ބައިވެރިވުން/ ފޮޓޯ: ޝެފްސް ގިލްޑް މޯލްޑިވްސް
ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ މި ކޮންގްރެސްގެ މައިގަނޑު މަގުސަދަކީ ކެއްކުމުގެ ދާއިރާގެ އާ އީޖާދުތަކާއި މައުލޫމާތު ހިއްސާކުރުމުގެ އިތުރުން، ބައިނަލްއަގުވާމީ ފެންވަރުގައި ޝެފުންގެ މެދުގައި ގުޅުން ބަދަހިކުރުމެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ކޮންގްރެސްގައި މިޝެލިން ސްޓާ ލިބިފައިވާ މަޝްހޫރު ޝެފުން ވަނީ ތަގުރީރުކޮށްފައެވެ.
މީގެ އިތުރުން، އަމަލީ ގޮތުން ހުނަރު ތަރައްގީކުރުމުގެ ވޯކްޝޮޕްތަކާއި، ކެއްކުމުގެ ދާއިރާއަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ. އޭގެ ތެރޭގައި ތިމާވެއްޓާ ރައްޓެހި ގޮތްތަކާއި، ކާބޯތަކެތީގެ ރައްކާތެރިކަން އަދި ޒަމާނީ ކެއްކުމުގެ ޓްރެންޑްތައް ހިމެނެއެވެ. ހާއްސަކޮށް މޫސުމީ ބަދަލުތަކުގެ ސަބަބުން ކާބޯތަކެތި އުފެއްދުމަށް ދިމާވާ ގޮންޖެހުންތަކާއި، އެކަންކަމުން އަރައިގަތުމަށް ކެއްކުމުގެ ސިނާއަތަށް ކުރެވިދާނެ ކަންކަމާ މެދު ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.
މި ކޮންގްރެސްގެ ހަވާސާގައި، ދުނިޔޭގެ އެންމެ މޮޅު ޝެފުން ވާދަކުރާ "ގްލޯބަލް ޝެފްސް ޗެލެންޖް" ގެ ފައިނަލް މުބާރާތް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. ހަތަރު ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށްދިޔަ މި މުބާރާތުގައި ވާދަކުރި ފައިނަލިސްޓުންނަކީ 2025 ވަނަ އަހަރު ބޭއްވި ސަރަހައްދީ ސެމީ ފައިނަލްތަކުން ހޮވުނު ފަރާތްތަކެވެ. މި މުބާރާތުގެ ކެޓަގަރީތަކުގެ ތެރޭގައި ގްލޯބަލް ޝެފްސް ޗެލެންޖް، ގްލޯބަލް ޕޭސްޓްރީ ޝެފްސް ޗެލެންޖް، ގްލޯބަލް ޔަންގް ޝެފްސް ޗެލެންޖް އަދި ގްލޯބަލް ވީގަން ޝެފްސް ޗެލެންޖް ހިމެނެއެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ ޝެފުން އެއް ޕްލެޓްފޯމެއްގައި އެ މީހުންގެ ހުނަރު ދައްކާލުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެކެވެ.
ޝެފްސް ގިލްޑް އޮފް މޯލްޑިވްސް އިން ބުނި ގޮތުގައި، މިފަދަ ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގައި ބައިވެރިވުމުގެ މައިގަނޑު ބޭނުމަކީ ދިވެހި ޝެފުންގެ ހުނަރު ތަރައްގީކޮށް، ބައިނަލްއަގުވާމީ ގުޅުންތައް ބަދަހިކުރުމެވެ. އަދި ދުނިޔޭގެ ފެންވަރުގައި ބޭނުންކުރާ އެންމެ ރަނގަޅު އުސޫލުތައް ރާއްޖޭގެ ކެއްކުމުގެ ސިނާއަތަށް ތައާރަފުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް އެ ޖަމިއްޔާއިން ފާހަގަކުރިއެވެ.
ހާއްސަކޮށް، ޒުވާން ޝެފުންނަށް މިފަދަ ތާރީހީ ކޮންގްރެސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ އެ ޖަމިއްޔާގެ މުހިންމު އަމާޒެކެވެ. ސަބަބަކީ ކެއްކުމުގެ ސިނާއަތުގެ މުސްތަގުބަލު ބައްޓަންކުރުމުގައި ޒުވާން ޕްރޮފެޝަނަލުންގެ ދައުރު ވަރަށް ބޮޑުވުމެވެ. ބައިނަލްއަގުވާމީ މައިދާނަށް ނުކުމެ، ތަޖުރިބާކާރުންނާ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ލިބުމުން، އަންނަން އޮތް ޖީލުގެ ދިވެހި ޝެފުންނަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް ސީޖީއެމް އިން ދެކެއެވެ.
އެންމެ ފަހުން ވޯލްޑް ޝްފް ކޮންގްރެސް ބޭއްވީ 2024 ވަނަ އަހަރު ސިންގަޕޫރުގައެވެ. އެ ފަހަރު ޝެފްސް ގިލްޑް އޮފް މޯލްޑިވްސް ތަމްސީލްކޮށް ރާއްޖެއިން 30 މެމްބަރުންގެ ވަފުދެއް ބައިވެރި ވިއެވެ.
އެ އަހަރުގެ ކޮންގްރެސްގައި ވެސް ދިވެހި ޝެފުން ވަނީ ރާއްޖޭގެ ރަހަތަކާއި ސަގާފަތް ބައިނަލްއަގުވާމީ މައިދާނުގައި ދައްކާލާފައެވެ. ދެން އެންމެ އަވަހަށް މި ކޮންގްރެސް އަދި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ 2028 ވަނަ އަހަރު ފަރަންސޭސިވިލާތުގެ ޕެރިހުގައެވެ. އެ އަހަރުގެ ކޮންގްރެސް ވެގެންދާނީ 1928 ވަނަ އަހަރު ޕެރިހުގައި އުފެދުނު "ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީސް" (ވޯލްޑްޝެފްސް) އަށް 100 އަހަރު ފުރޭ ތާރީހީ މުނާސަބަތަށެވެ. އެހެންކަމުން، 2028 ވަނަ އަހަރުގެ ކޮންގްރެސްގައި ރާއްޖެއިން މިހާރަށްވުރެ ގިނަ ޒުވާން ޝެފުން ބައިވެރިކުރުމަށް ސީޖީއެމް އިން ދަނީ އަމާޒު ހިފަމުންނެވެ.
ޝްފްސް ގިލްޑްގެ އަމާޒަކީ 2028 ގައި އޮންނަ ތާރީހީ ވޯލްޑް ޝްފް ގޮންގްރެސްގައި ރާއްޖޭގެ ޗެފުން ބައިވެރިވުމުގެ ފުރުސަތު ފަހި ވުމެވެ.


