ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމަށް، ސިއްހީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރައްވާފައިވާ އާމިނަތު ޝިރުނާ މިއަދު އައްޔަނުކުރައްވައިފިއެވެ.
މި މަގާމަށް ޝިރުނާ އައްޔަނުކުރައްވާފައި މިވަނީ، މި ސަރުކާރުގައި އެންސްޕާގެ ސީއީއޯގެ މަގާމުގައި ފުރަތަމަ ހުންނެވި ހީނާ ވަލީދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓަށް ގެންނެވި ބަދަލުތަކުގެ ތެރެއިން، މިނިސްޓާ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖްގެ މަގާމަށް އައްޔަނުކުރެއްވުމާ ގުޅިގެންނެވެ. ހީނާ ވަލީދު ވަޒީރުކަމުގެ ހުވާކުރެއްވީ މިދިޔަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހެވެ.
އެހެންކަމުން، އެ ދުވަހުން ފެށިގެން އެންސްޕާގެ އެންމެ އިސްވެރިޔާގެ މަގާމު އޮތީ ހުސްކޮށެވެ.
އެންސްޕާގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ޝިރުނާ ހުންނެވީ މިނިސްޓްރީ އޮފް ހެލްތުގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައެވެ. ސަރުކާރުގެ ފުރަތަމަ ދުވަސްކޮޅު، 13 ޑިސެންބަރު 2023 ގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަނުކުރެއްވުމަށް ފަހު، އެންމެ ފުރަތަމަ އޭނާއާ ހަވާލުކުރައްވާފައި އޮތީ މޯލްޑިވިއަން ބްލަޑް ސާވިސަސް ނުވަތަ ތެލެސީމިއާ ސެންޓަރުގެ ކަންކަން ބެލެހެއްޓެވުމުގެ ޒިންމާއެވެ.
ޝިރުނާއަކީ ސިއްހީ ދާއިރާގައި ވަރަށް ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ، ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން، އޭނާއަކީ ނަރުހެއްގެ ގޮތުގައި 20 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ނަރުހެއްގެ ގޮތުގައި މަސައްކަތްކުރެއްވި ދުވަސްވަރު، ބަލިމީހުންނަށް ސީދާ ފަރުވާ ދިނުމުގައާއި، ހޮސްޕިޓަލްތަކުގެ އެކި ޑިޕާޓްމަންޓްތަކުގައި އޭނާ ވަނީ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. މީގެ އިތުރުން، ތައުލީމީ ގޮތުން ބަލާއިރު، ޝިރުނާ ވަނީ ހެލްތު ދާއިރާއިން ދެ މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައެވެ.

