logo

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް އިސްތިއުފާ ދެއްވައިފި

އާމިނަތު މޫސާ
7 ގަޑިއިރު ކުރިން

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ނާޒިމް އެ މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެރިކަންކުރާ ޕީއެންސީގެ ފަރާތުން މަޖިލީހަށް ހުށަހަޅައި، އެ މައްސަލަ މިއަދަށް ތާވަލުކޮށްފައި ވަނިކޮށެވެ.

މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ނާޒިމް ވަކިކުރުމަށް އޭނާ ނިސްބަތްވާ ކޮންގްރެސް ޕާޓީން ހުށަހަޅާފައިވަނީ މިމަހުގެ 14 ވަނަ ދުވަހު އެވެ. އެ ޕާޓީން ވަނީ ވަނީ ނާޒިމް މަގާމުން ވަކިކުރުމަށް 72 މެމްބަރުންގެ ސޮއި ހޯދާފަ އެވެ.

ނާޒިމްގެ މައްޗަށް ދެ ތުހުމަތެއް ކުރެއެވެ. އެއީ ފިތުނަ އުފެއްދުމާއި މަސްލަހަތު ނަގާލުމުގެ ތުހުމަތެވެ. މަގާމުން އިސްތިއުފާ ދެއްވައި ފޮނުއްވި ސިޓީގައި ނާޒިމް ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ.

View post on Twitter

އެގޮތުން ވިދާޅުވީ، އޭނާ މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރުގައި ކޮށްފައިވާ ތުހުމަތުތައް ސާބިތުކޮށްދިނުމަށް އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް އެ ގަރާރުގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ.

އަދި މިހާތަނަށްވެސް މަޖިލީހުގެ ނައިބުރައީސްގެ ހައިސިއްޔަތުން ނުވަތަ މެމްބަރެއްގެ ހައިސިއްޔަތުންވިއަސް ކޮށްފައިވާ ނުވަތަ ނުކޮށް ދޫކޮށްލާފައިވާ ކަމަކާއި ގުޅިގެން އެއްވެސް މެމްބަރަކު ނުވަތަ އެހެންވެސް ފަރާތަކުން ގާނޫނުއަސާސީއާއި ނުވަތަ މަޖިލީހުގެ ގަވާއިދާ ހިލާފުވެއްޖެކަމުގެ ޝަކުވާއެއް އުފުލާފައި ނުވާ ކަމަށެވެ. އެހެންކަމުން، މިހުރިހާ ތުހުމަތުތަކަކީ އެއްވެސް އަސާސެއްނެތް ކަންތައްތަކެއްކަމަށް ވިދާޅުވެފައިވެއެވެ.

އަދިމީގެއިތުރުން މެންބަރުންގެ މެދުގައި މަސްލަހަތު ގެއްލޭނެކަމެއް ކޮށްފައި އޭނާ ނުވާނެކަމަށާއި، މަގާމުގެ ނުފޫޒު އެއްވެސް ގޮތަކުން ބޭނުންކޮށްފައި ނުވާނެ ކަމަށާއިއަދި މަގާމުގެ ނާޖައިޒު ފައިދާ އެއްވެސް ހައިސިއްޔަތަކުން ނަގާފައި ނުވާނެ ކަމަށެވެ.

މަޖިލީހުގެ ނައިބު ރައީސްގެ ހައިސިއްޔަތުންއޭނާގެ ވާޖިބުތައް އަދާކޮށްފައިވާނީ، ގާނޫނީ ހަމަތަކުގެ މަތިން މެންބަރުންގެ މެދުގައި އެއްވެސް ތަފާތު ކުރުމެއްނެތި ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ކަމަށާއިވަކި ސިޔާސީ ފިކުރަކަށް ތަބާވެ އެއްވެސް ކަމެއް ގަނޫނާއި ގަވާއިދާ ހިލާފަށް ކޮށްފައި ނުވާނެ ކަމަށްވެސް ނާޒިމްގެ ބަޔާނުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

ނާޒިމް އިތުރަށް ވިދާޅުވީ، އިސްތިއުފާ ދެއްވަނީ ތުހުމަތުތައް ތެދުކަމަށްވާތީ ނޫން ކަމަށެވެ. އެހެނެއްކަމަކު، އިންތިހާބީ މަގާމަށް ވޯޓުލީ ގިނަ މެމްބަރުންތަކެއް އޭނާ ވަކިކުރަން ހުށަހެޅުމުން އިސްތިއުފާ ދެއްވުމަކީ ޑިމޮކްރަސީގެ ހަމަތަކުގެ މަތީން އެންމެ ތަހުޒީބީ ގޮތް ކަމަށް ވާތީ ކަމަށެވެ.

ad