logo

ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށަނީ

އާމިނަތު މޫސާ
3 ގަޑިއިރު ކުރިން

މާލޭގެ މަގުތަކުގައި ގަވާއިދާ ޚިލާފަށް ޕާކްކޮށްފައި ހުރި އުޅަނދުތަކާއި، ރަޖިސްޓްރީނުކޮށް ބަހައްޓާފައިހުރި އުޅަނދުތައް ނެގުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަންގައިފިއެވެ.

އެގޮތުން މާލޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައި ހުރި މިފަދަ އުޅަނދުތައް ނެގުމަށް ފުލުހުން ދީފައިވާ މުހުލަތަކީ މި މަހުގެ 22 ވަނަ ދުވަހުގެ ރޭ 11:30 އެވެ.

ފުލުހުން ބުނީ، އެކަމާއި ގުޅުންހުރި އިދާރާތަކާ ގުޅިގެން މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން ފުލުހުންނަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާގެ ދަށުން ފުލުހުން ކަނޑައަޅާ ތަނަކަށް މިފަދަ އުޅަނދުތައް ޓޯ ކޮށްގެން ގެންދެވޭނެ ކަމަށެވެ.

މީގެ ތެރޭގައި ގަވާއިދާ ޚިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކުގެ އިތުރުން، އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައްވެސް ހިމެނެއެވެ. މި މަސައްކަތަކީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފުލުހުންނަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ. ފުލުހުން ބުނީ ކަނޑައެޅިފައިވާ މުހުލަތުގެ ފަހުން މަގުމަތީގައި ހުންނަ އުޅަނދުތައް ފުލުހުން ކަނޑައަޅާ ވަކި ތަނަކަށް ޓޯވ ކޮށްގެން ގެންދާނެ ކަމަށެވެ.

ފުލުހުން ބުނީ، އުޅަނދުތައް ނެގުމަށްފަހު ފުލުހުން ކަނޑައަޅާތަނަކަށް ގެންދެވޭނޭ ކަމަށާއި، އުޅަނދު އުފުލައި ގެންދިއުމުގެ ތެރޭގައި ލިބޭ އެއްވެސް ގެއްލުމަކަށް، އަދި ގެންގޮސް ބަހައްޓާފައި ހުންނަ ހުރުމުގައި ލިބޭ ގެއްލުމަކަށް އެ އިދާރާއިން ޒިންމާ ނުވާނެ ކަމަށެވެ. އަދި ޓޯ ކުރުމަށްފަހު ބަހައްޓާފައި ހުންނަ ތަނުން އެހެން ތަނަކަށް ގެންދިއުމަކީ އުޅަނދުގެ ވެރިފަރާތުގެ ޒިންމާއެއް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ad